އިންސާނެއްގެ ކިބައިގައި ހުންނަންވީ އެންމެ ރިވެތި ސިފަތައް ފެންނަނީ ރަސޫލާގެ ހަޔާތްޕުޅުން: ރައީސް ޞާލިހު

15 Nov 2019 | 02:26

އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަނީ، ވަރަށް މަތިވެރި މަޤްޞަދެއްގައިކަމަށެވެ. އެގޮތުން އެ މަތިވެރި ޛިކްރާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުންކަމަށް ރައީސް ވިދާޅުވިއެވެ.

"އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިދެއްވައިފައެވެ"، ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދުކަމަށާއި އަނެކުންނަށް އިޙްތިރާމް ކުރުމާއި، މަޢާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީތަކަމަށެވެ.

މީގެ އިތުރުން ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތަކެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ މަތިވެރި ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުމާއި  މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުންކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، ރާއްޖެއާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ލޮބުވެތި ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ، މުޅި އިންސާނިއްޔަތަށް ދޫކުރެއްވި މަތިވެރި ނަމޫނާއިން، ޢިބްރަތް ޙާޞިލު ކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤް، އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވާށިއެވެ"، ބަޔާން ނިންމާލަމުން ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް