Advertisement

އެނގުމާއި އިނގުން

09 Nov 2019 | 11:59

-އ.ޙ.މ-

މީގެ ފަސްހަދުވަހެއް ކުރިން ތިފަރާތަށް "އެނގެނީ" ނުވަތަ "އިނގެނީ" ކިހާވަރަކަށް ތޯ ބަލައިލަން ކަމަށޭ ވިދާޅުވެ ހަލީސާ މަރުއްވަމުން ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް މަތީ ޝައުގެއް ހުރި "ޝައުގީއެއް" އަޅުގަނޑާ ގުޅުއްވާލެއްވިއެވެ. އަޅުގަނޑަކީ ދިވެހި ބަހުގެ އުސްތާޒަކަށް ނުވިޔަސް "ފަތްތޫރު" މަޖައްލާއަށާއި "ލިޔުންތެރީންގެ ގުޅުމަށް" ލިޔެއުޅޭ މީހަކަށް ވާތީ ވަކަރުޖައްސަވައި ލެއްވީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް އޭނާގެ ރާގުގައި ހުރީ ވަރަށް ވެސް ގާތް ރަހުމަތްތެރި ގޮތެކެވެ. އެހެންކަމުން ހަމަ އެރާގުގައި އޭނާއަށް ދެންނެވީމެވެ. "ތިވިދާޅުވާ ދެބަހަކީ މުޅިން ތަފާތު ދެމާނައެއްގައި ބޭނުންކުރެވޭ ދެބަސް ނޫންތޯއެވެ؟"

އެކޯލުގެ ވަގުތުގައި އެފަރާތާއެކު އަޅުގަނޑު ހިއްސާކޮށްލި މާލޫމާތުކޮޅު ބަހުން ބަހަށް އަކުރުން އަކުރަށް ނޫންނަމަވެސް ގިނަ ބަޔަކު ކިޔައިއުޅޭ މިކަހަލަ ސައިޓެއްގައި ލިޔެ އާންމުކުރުމަކީ އަދުގެ ޒުވާން ލިޔުންތެރިންނާއި ބައެއް ހަރުކުލައިގެ މީހުންގެ ހައްގުގައި ވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ދެކޭތީ ލިޔެލަނީއެވެ.

ހިތާމަޔާއެކު ދަންނަވަމެވެ. "އެނގުމާއި އިނގުން" މީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ދެބަހެވެ. އެއްބަޔަކަށް ހީވެފައި އޮންނަނީ މީ ފިއްޔަކުން ފަރަގުވެފައި އޮތަސް "ނިކުތުމާއި ނުކުތުން"ހެން މީ މުޅިން އެއް މާނައެއްގައި ބޭނުން ކުރެވޭ ދެބަސް ކަމަށެވެ. ބައެއް އޮންލައިން ސައިޓުތައް ހާވާލުމުން މީގެ މިސާލުތައް އަންނަން ފެށީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެންނޭ ދެންނެވިޔަސް ފާފައެއް ނުވާނެއެވެ. ތިރީގައި މިވަނީ މިގޮތުން ހޮވާލެވުނު ބައެއް މިސާލުތަކެވެ.

*އެމަންމަ ދަރިން ގެންގުޅެނީ ކިހާ ލޯބިންކަން އިނގޭ ދުރިތިބީން މިކަމާ ކަރުނައަޅައެވެ.

*އަޑުން ވެސް އެއީ އަލޫފުކަން އިނގުނެއް ކަމަކު މިންހާ ފަރުވާތެރިކަމާއެކު އަލޫފުގެ މޫނަށް ބަލައިލިއެވެ.

*އެންމެންނަށް އިނގެޔޭ ހަނާ މީހަކަށް ގޮތެއް ނަހަދާނެކަން.

*ޓެންޓުތެރޭގައި ފޯނާއި ކުޅެން އިން ތޫބާއަށް ކުދިންތަކެއް މޫދަށް ދިޔަކަން އިނގުނީ މާފަހުންނެވެ.

*އަލީޝާއަކީ މޮޅު ފެތުންތެރިއެއް ކަން އޭނާއަށް އިނގެއެވެ.

*ހެހެހެ. ވަރަށް ރީތި މަންޖެއެއް ދޯ. އިނގޭތަ ކޮން ނަމެއްކަން ކިޔަނީ؟

*މަ އުޅެންވީ ގޮތް އިނގޭނީ މަށަށް.

*ލާފައިވާ ގަމީހުގެ މަތިން އޭނާގެ ފިރިހެންވަންތަ ހަށިގަނޑުގެ ބައްޓަން އިނގޭވަރުވެއެވެ.

*އަހަރެންނަށް ހުރިހާ ކަމެއް ވެސް އިނގޭ. އެކަމް އީމާއަށް ވެސް އިނގެއެއްނު މިގޭ ފަހަރިންގެ ގޮތް.

*ކުށަށް އަރައިގަންނަ މީހުންނަށް ގާނޫނީ ފިޔަވަޅުއެޅުމަކީ ފިތުނަ އުފެއްދުން ނޫންކަން ތަންދޮރު ދަންނަ މީހަކަށް

ވިއްޔާ އިނގޭނެ.

ދަށުރޮނގަކުން ފާހަގަކޮށްފައި ހުރި ހުރިހާ ތަނެއްގައި ވެސް ބުނެދޭން އެއުޅެނީ ވާހަކަދައްކާ މީހާ ނުވަތަ ވާހަކަ ނިސްބަތް ކުރެވޭ މީހާ ކަމެއް ދަންނަ ވާހަކައެވެ. އެހެންކަމުން ރަނގަޅު ގޮތަކީ އިނގުމެއް ނޫނެވެ. އެނގުމެވެ. "އެނގުން" މިބަސް ބޭނުންކޮށް އުޅެނީ ދެނެތަގުން ނުވަތަ އޮޅުންފިލުވުން ނުވަތަ މޭރުންވުމުގެ މާނައިގައި ކަމަށް ވާތީއެވެ. ތިރީގައި އެވަނީ ރަނގަޅު ގޮތެވެ.

*އެމަންމަ ދަރިން ގެންގުޅެނީ ކިހާ ލޯބިންކަން އެނގޭ ދުރިތިބީން މިކަމާ ކަރުނައަޅައެވެ.

*އަޑުން ވެސް އެއީ އަލޫފުކަން އެނގުނެއް ކަމަކު މިންހާ ފަރުވާތެރިކަމާއެކު އަލޫފުގެ މޫނަށް ބަލައިލިއެވެ.

*އެންމެންނަށް އެނގެޔޭ ހަނާ މީހަކަށް ގޮތެއް ނަހަދާނެކަން.

*ޓެންޓުތެރޭގައި ފޯނާއި ކުޅެން އިން ތޫބާއަށް ކުދިންތަކެއް މޫދަށް ދިޔަކަން އެނގުނީ މާފަހުންނެވެ.

*އަލީޝާއަކީ މޮޅު ފެތުންތެރިއެއް ކަން އޭނާއަށް އެނގެއެވެ.

*ހެހެހެ. ވަރަށް ރީތި މަންޖެއެއް ދޯ. އެނގޭތަ ކޮން ނަމެއްކަން ކިޔަނީ؟

*މަ އުޅެންވީ ގޮތް އެނގޭނީ މަށަށް.

*ލާފައިވާ ގަމީހުގެ މަތިން އޭނާގެ ފިރިހެން ވަންތަ ހަށިގަނޑުގެ ބައްޓަން އެނގޭވަރުވެއެވެ.

*އަހަރެންނަށް ހުރިހާ ކަމެއް ވެސް އެނގޭ. އެކަމް އީމާއަށް ވެސް އެނގެއެއްނު މިގޭ ފަހަރިންގެ ގޮތް.

*ކުށަށް އަރައިގަންނަ މީހުންނަށް ގާނޫނީ ފިޔަވަޅުއެޅުމަކީ ފިތުނަ އުފެއްދުން ނޫންކަން ތަންދޮރު ދަންނަ މީހަކަށް

ވިއްޔާ އެނގޭނެ.

"އިނގޭ" މިބަސް ބޭނުންކުރަނީ ކަމެއް ކުރުވުމުގެ މައްޗަށް އޯގާވެރިކަމާއެކު ހިތްވަރުދީ ހިތްޖެއްސުމުގެ ގޮތުންނެވެ. މިމާނައިގައި އިނގިރޭސި ބަހުން ވަރަށް ގިނައިން "އޯކޭ"( (ok ބޭނުންކޮށް އުޅެއެވެ. މިހާރަކަށް އައިސް ދިވެހިބަހުން ވާހަކަދައްކާއިރު ވަރަށް ގިނަ ދިވެހީންވެސް އެބަސް އެމާނައިގައި ބޭނުންކޮށް އުޅެއެވެ. އެހެންކަމުން ބަސް އެވަނީ ދިވެހިވެފައެވެ. ރަނގަޅަށް ބަސް ބޭނުން ކުރެވިފައި ހުރި ބައެއް މިސާލުތައް ތިރީގައި އެވަނީއެވެ.

*ގަޑިއަށް އަންނާތި އިނގޭ!(ގަޑިއަށް އަންނާތި އޯކޭ؟)

*ތަނަކަށް ނުގޮސް މިތާ ރީއްޗަށް އިންނާތި އިނގޭ!(ތަނަކަށް ނުގޮސް މިތާ ރީއްޗަށް އިންނާތި އޯކޭ؟)

*ބޭބެޔާ ޒުވާބުކުރަން ނަހަދާތި އިނގޭ(ބޭބެޔާ ޒުވާބުކުރަން ނަހަދާތި އޯކޭ؟)

"އޯކޭ"ގެ މިސާލު ބޭނުންކޮށްފައި އެއޮތީ "އިނގޭ" ގެ ބަދަލުގައި އެބަސް ބޭނުންކުރުން ކޮންމެހެން "އޯކޭ" ވެގެންނެއް ނޫނެވެ. އަދުގެ ޒުވާނުންނަށް ފަސޭހައިން ދޭހަކޮށްގަނެވޭނެ މިސާލެއްޖެހުމުގެ ގޮތުންނެވެ.

"އެނގޭ" ބޭނުންކުރެވޭނެ ތަންތަނާއި "އިނގޭ" ބޭނުންކުރަން ޖެހޭ ތަންތަނުގެ ފަރަގު އެންމެ ފަސޭހައިން

ވަކިވާނެ ގޮތަކީ މިދަންނަވަނީއެވެ.

"އެނގޭ" ބޭނުންކުރެވޭނެ ތަނެއްނަމަ އެތަނަށް އެބަހުގެ ނަފީ ގޮތް "ނޭނގޭ" ވެސް ފެތޭނެއެވެ. ނަމަވެސް "އިނގޭ" އެއީ ނަފީކުރެވޭ ބަހެއް ނޫނެވެ. "ނޭއިނގޭ" ނުވަތަ "ނުއިނގޭ" އެއީ ކިޔައިއުޅޭ ގޮތެއް ނޫނެވެ.


Advertisement

ކޮމެންޓް

Advertisement