އާސެނަލް މޮޅުވަމުން އައި ރިކޯޑް ޕެލަސްއިން ނިމުމަކަށް ގެނެސްފި

28 Oct 2018 | 21:54

ހުރިހާ މުބާރާތަކުން ޖެހިޖެހިގެން 11 މޮޅު ހަމަކޮށް 12 ވަނަ މޮޅު ހޯދުމަށް ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-2 ކުން އެއްވަރު ވެއްޖެއެވެ.

އާސެނަލްގެ ޑިފެންޑަރު މުސްތާފީ ޕެނަލްޓީ އޭރިއާ ތެރެއިން ކޮޔާޓޭއަށް ކުރި ފައުލަކައި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕެލަސްއަށް މެޗުގެ ކުރި ހޯދަދިނީ މިލިވޯޖެވިކްއެވެ.

ފުރަތަމަ ހާފް 1-0 ކުން ޕެލަސް ކުރީގައި އޮވެ ނިމުންއިރު ދެވަނަ ހަފް ފަށައިގެން މާ ގިނައިރުތަކެއް ނުވެ ލިބުނު ހިލޭ ޖެހުމަކުން ޒަކާ އާސެނަލްއަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. މި ލަނޑުޖެހިތާ ފަސް މިނެޓުފަހުން އޮބާމެޔާން ޖަހައިދިން ލަނޑުން އާސެނަލް ކުރި ހޯދިއެވެ.

އާސެނަލްއިން ގިނަ އިރު ބޯޅަ ގެންގުޅުން ނަމަވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޕެލަސްއެވެ.

ހުއްޓާނުލާ ހަމަލާއަކަށް ފަހު ހަމަލާއެއް ޕެލަސްއިން އުފެއްދުމުގެ ނަތީޖާއަކަށްވީ އާސެނަލްގެ ފަހަތަށް ބާރު ބޮޑުވެ އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިން ޒަކާ ޕެލަސްގެ ހަލުވި ކުޅުންތެރިޔާ ޒަހާ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްޓާލުމައި ގުޅިގެން ޕެލަސްއަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ނަތީޖާ އެއްވަރުވުމެވެ. މި ޕެނަލްޓީވެސް ޕެލަސްއަށް ކާމިޔާބުކޮށްދިނީ މިލިވޯޖެވިކްއެވެ.

ތާވަލުގެ ހަތަރުވަނައިގަ އާސެނަލް 22 ޕޮއިންޓާއެކު އޮތްއިރު ޕެލަސް އޮތީ 8 ޕޮއިންޓާއެކު ސާދަވަނައިގައެވެ.    

Advertisement

ކޮމެންޓް