މިނިސްޓަރ ޝާހިދު މޮރޮކޯއަށް ވަޑައިގެންފި

13 Nov 2019 | 18:41

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މޮރޮކޯގެ ފޮރިން މިނިސްޓަރާއި އަދި މޮރޮކޯ ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި މޮރޮކޯއާއިއެކު ގުޅުން ބަދަހިކުރުމަށް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދު މޮރޮކޯއަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މުއުމިނާ އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވައެވެ.

އިތުރު މައުލޫމާތު: ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 4 ފެބްރުއަރީ 1988 ގައި

Advertisement

ކޮމެންޓް