Advertisement

ޖޭއެސްސީގެ ރައީސްކަމުން އަރީފް އިސްތިއުފާދެއްވައިފި

13 Nov 2019 | 15:38

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އެމަގާމުން މިއަދުގެ ވަގުތެއްގައި އަރީފް އިސްތިއުފާދެއްވިކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެބޭފުޅާ ޖޭއެސްސީގެ ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

އަރީފް މި މަގާމުން ވަކިވެ ވަޑައިގެންނެވީ ޖޭއެސްސީން އެބޭފުޅާގެވެސް މައްސަލަތަކެއް ބަލަމުން ދަނިކޮށެވެ.

އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ޖޭއެސްސީން ބުނީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނަށް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ގެނެވުނު އިސްލާާހަށްފަހު، ފަނޑިޔާރުންނާއި ގުޅުންހުރި ގާތްގަނޑަކަށް 200 އެއްހާ މައްސަލަ ބަލާފައިވާނެކަމަށެވެ. މި މައްސަލަ ތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަކުރުމާއި، ކޮރަޕްޝަނާއި، ނަަހަމަ ނުފޫޒު ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

މި 200މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ހިމެނޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަމުންދާކަމަށްކަމަށް ވަނީ ހާމަކޮަށްފައެވެ.

މި މައްސަލަތަކުގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް، ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައެއް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއް އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް ދަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް