ރައީސް ނަޝީދަށްޓަކައި ބޭއްވި ރައްޔިތުންގެ މަޖިލިސްގެ ޚާއްސަ ޖަލްސާ
ދިވެހި ރާއްޖޭގެ ދުސްތޫރީ ފަހުގެ ހަޔާތުގައި އިއްޔެއަކީ ފާހަގަކުރެވިގެންދާނެ ދުވަހެކެވެ. ދިވެހި ރާއްޖޭގެ ދައުލަތް ހިންގުމުގެ ތިން ބާރުގެތެރެއިން އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މުޅިޖަލްސާ އިއްޔެ ބިނާވެފައި އޮތީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ދައުލަތުގެ އެއްބާރު ކަމުގައިވާ ޖުޑިޝަރީއަށް ބެވުމަށެވެ.
އެނޫނީ ދެން ކިޔާނީ ކީކޭތޯއެވެ. ރައްޔިތުންގެ މަޖިލީހަށް އިއްޔެ އިންތިޚާބީ ރައީސްގެ ޕާޓީ، އެމްޑީޕީން ހުށަހެޅި ގަރާރަކީ ޖިނާއީ ކޯޓުން އިއްވައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ 13 އަހަރުގެ ޖަލު ހުކުމް ކޯޓުން ބާތިލްކުރުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.
މިގަރާރު ފާސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ޕްރެޝަރ ކުރިމަތިކުރަނީ ޕްރޮސެކިއުޓަރ ޖެނެރަލަށެވެ. އެޕްރެޝަރަށް ބޯލަބައި ޕްރޮސެކިއުޓަރ ޖެނެރަލް މިހާރު އެވަނީ އެމައްސަލަ އަލުން މުރާޖައާކޮށްދޭން ސުޕްރީމް ކޯޓްގައި އެދިފައެވެ.
އެކަންނުކޮށްފިނަމަ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު މަގާމުން ވަކިކުރާނެކަމުގެ އިންޒާރު ދިންގޮތަށް ކަންކަން ނުހިގާނެކަމަށް ބުނަން އެގޭނީކާކަށް ހެއްޔެވެ.
ދެން އޮތީ ސުޕްރީމް ކޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރާއި އަންނަން އުޅޭ ސަރުކާރުގެ ބާރު ވަޒަންކުރަން ފަޑިޔާރުންނަށް އެގިވަޑައިގަންނަވާނެއެވެ. ކޯޓްތަކުން ކޮށްފައިހުންނަ ހުކުމްތައް ފަޓާސްބަރިއެއްހެން ނިއުޅި ކުރިން ގާއިމުކޮށްދީފައިވާ އިންސާފުގެ ބަދަލުގައި އާއިންސާފެއް ނެރެދެވޭތަން ދަނީ ފެންނަމުންނެވެ.
މިދައްކަނީ ސިވިލައިޒްޑް މުޖްތަމައެއްގެ ކަންކަން ހިގަމުންދާގޮތުގެ ވާހަކައެވެ. އިއްޔެ ބާރުތައް ވަކިކުރުމަށް ގޮވައިހެދި ބޭފުޅުން ވެރިކަން ލިބުމާއެކު އަމަލުކުރަންފެށި ގޮތެވެ.
ސިޔާސީ ކުށްވެރިޔަކަށްވިޔަސް، ނާއިންސާފުން ޖަލަށްލާން ހުކުމްކޮށްފައިވާމީހަކަށްވިޔަސް، ގާނޫންގެ ކުރިމަތީގައި އެންމެންވާނީ ހަމަހަމަ އެވެ. އަމަލުކުރެވެންޖެހޭނީ ހަމަހަމަ އުސޫލުންނެވެ. ޑިމޮކްރަސީއަކީ އެއީ ނޫންތޯއެވެ.
އެއެންމެންގެތެރެއިން އެކަކު ހޮވައިނަގައި އޭނާއަށްޓަކައި ރައްޔިތުންގެ މަޖިލިސް ހުސްވެ، އޭނާއަށްޓަކައި ގާނޫންތައް ފްރީޒްކޮށް، އޭނާއަށްޓަކައި ކޯޓްތަކުގެ ހުކުމްތައް ބާތިލްކޮށް އޭނާގެ ވަށައިގެން މުޅި ދައުލަތް އަނބުރައި، މިއީ އިންސާފެއްތޯއެވެ. ނޫނެކެވެ. މިއީ ޚުދުމުޚަތާރުކަމާއި ގަދަބަދަވިކަން ދެއްކުމުގެ ސިފަތަކެވެ.
ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އިންސާފުންކަމަށް ނުވެދާނެއެވެ. އަދި ހަމަ އެގޮތަށް ހަމަ އެމައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ހުކުމަކީވެސް އިންސާފުވެރި ހުކުމަކަށް ނުވެދާނެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ފުރޭމްކޮށްގެން ހިންގާފައިވާ ތަހްގީގުގެ މައްޗަށް އިއްވި ދިގުމުއްދަތުގެ ހުކުމަކީވެސް އިންސާފުވެރި ހުކުމަކަށް ނުވެދާނެއެވެ. ސުޕްރީމް ކޯޓުގެތެރެއިން ބަޣާވާތެއްގެންނަން އުޅުނު ކަމުގެ ތުހުމަތުގައި ފަނޑިޔާރުކަމުން ވަކިކޮށް ހުކުމްކުރެވިފައިވާ އެކޯޓްގެ ދެފަނޑިޔާރުންނާމެދުވެސް ކަންތައް ހިގައިދިޔައީ އިންސާފުވެރިކޮށްނޫންކަމަށް ކިޔައެވެ.
ސިޔާސީ ކުށްވެރިންގެ ފޮޓޯޖަހައި ދޫކުރުމަށް ގޮވާލެވޭމީހުންގެ ވަރަށް ކުރީ ސަފުގައި އެދެބޭފުޅުން އެބަތިއްބެވިއެވެ. ދޫކުރުމަށް ގޮވާލެވޭ ބޭފުޅުންގެތެރޭގައި އެކިބޭފުޅުން ގައުމަށް ޚިދުމަތްކޮށްފައިވަނީ އެކިވަރަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދާއިބެހޭ ގަރާރެއްލީ އެމަނިކުފާނު ގައުމަށް ވަރަށް ބޮޑަށް ޚިދުމަތްކޮށްދެއްވާފައިވާތީކަމަށް ގަރާރު ވެއްދިބޭފުޅުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ދެންތިއްބެވި ބޭފުޅުން ނަޝީދާއި އެއްވަރަށް ޚިދުމަތް ނުކުރައްވާތީ ގަރާރު ނުލީކަމަށް ވެދާނެއެވެ.
ކޮންމެއަކަސް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފެނިގެން މިދިޔައީ އަމިއްލަ ވަކި ބައެއްގެ ޒާތީ ވަކި މަގްސަދެއް ހާސިލްކުރުމަށް ދައުލަތުގެ ބާރެއް ނަހަމަގޮތުގައި ބޭނުންކުރެވިގެންދިޔަ ތަނެވެ.
ސުޕްރީމް ކޯޓްގެ ހުކުމެއް ރައްޔިތުންގެ މަޖިލީހުން އަންގައިގެން ބަދަލުކުރަން އުޅުނީ ތަހްޒީބު ކޮން ގައުމަކުންތޯއެވެ. އަދި މިއަށް ހެޔޮވެރިކަން ކުރުމުގެ ރިވެތި ނަމޫނާއެކޭ ބުނާނީވެސް ކިހިނަކުންތޯއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists