''އިންޑިއާގެ ފިޒިއޮތެރަޕިސްޓު ހައްޔަރެއް ނުކުރޭ''

13 Nov 2019 | 21:34

އައިޖީއެމްއެޗަށް ޑޮކްޓަރަކަށްދައްކަން ދިޔަ އަންހެނަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ، އިންޑިއާގެ ފިޒިޔޮތެރަޕިސްޓް ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ބަދުއަހުލާގީ މައްސަލައިގެ ތުހުމަތު ކުރެވޭ އިންޑިއާ މީހާގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ.  

އޭނާ ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނިއިރު، ބަދުއަހުލާގީ މައްސަލަތަކާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހައްޔަރުގައި ބަހައްޓައިގެން ބައެއް ހާލަތްތަކުގައި ތަހުގީގު ކުރެއެވެ.

އަންހެނަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި އައިޖީއެމްއެޗުގައި މަސައްކަތްކުރާ އިންޑިއާގެ ފިޒިޔޮތެރަޕިސްޓް ސަސްޕެންޑްކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ.

މިމަހުގެ ނުވަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވަނީ ތަހުގީގު ނިމެންދެނެވެ.

މި މައްސަލައިގެ ތުހުމަތު ކޮށްފައިވަނީ އައިޖީއެމްއެޗް ފިޒިއޮތެރަޕީ ޑިޕާޓްމަންޓްގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 28 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ. މި މީހާ ބަދު އަހުލާގީ އަމަލެއް ހިންގަންމަސައްކަތް ކުރީ 19 އަހަރުގެ އަންހެން ޕޭޝަންޓަކާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް