އިންޑިޔާގެ ހިލޭ އެހީގެ ދަށުން މަޑުއްވަރީގައި އައިސް ޕްލާންޓެއް ގާއިމްކުރަނީ

13 Nov 2019 | 20:10

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރ.މަޑުއްވަރީގައި އައިސް ޕްލާންޓެއް އެޅުމަށް ނިންމައިފިއެވެ.

މި އައިސް ޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއަދު ސޮއިކޮށްފައިވަނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި 25 ޓަނުގެ 2 އައިސްޕްލާންޓް ގާއިމްކުރުމަށް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއިއެވެ.

މި އެއްްބަސްވުމުގައި  މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިޢާއެވެ.

ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.

މިޕްރޮޖެކްޓް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ޖުމްލަ 7,992,529.30 ރުފިޔާގެ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މިއައިސްޕްލާންޓްތައް ޤާއިމްކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގައި ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement