ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ޖޭއެސްސީގައި: ކާނަލް

15 Nov 2019 | 14:40

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

''މަވެސް ޕީޕީއެމް'' ގެ ނަމުގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޖޭއެސްސީއަކީ މިއަދު މިނިވަން މުސްތަގިއްލު ކޮމިޝަނެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު، އެމަނިކުފާނުގެ ދިފާއީ ހުރިހާ ވަކީލުން މިއަދު ޖޭއެސްސީގައި އެބަ ތިއްބެވި ކަމަށާއި މަދުވަނީ ބޭރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި އަމާލު ކްލޫނީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާއަށް އަތް ބާނައިގެން ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމެއް ބަލައި ނުގަންނާނެ ކަމަށެވެ.

"ނަޝީދުގެ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ނެތީ އަމާލް ކްލޫނީ އެކަނި. ލީގަލް ޓީމްގެ އެހެން ހުރިހާ ބޭފުޅުން ތިއްބެވީ ޖޭއެސްސީގައި." ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން ރިޔާސީ އިންތިޚާބެއް އޮންނަ އަޑުތަކެއް އިވެމުންދާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީ ތެރޭގައި އޮތް ކޯޅުން ގަނޑު ހާމަވެގެން ދިޔަ ކަމެއް ކަމަށާއި ބޭނުމަކީ މަގާމުން ދުރަށް ވަޑައިގަތުމަށް ރައީސް ސޯލިހަށް މަޖުބޫރު ކުރުވުމެވެ.

ނަޝީދުގެ ވާހަކައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްވެސް ވާނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމަށް ''ފޮޅޭ މަލަކަށް'' ޖޭޕީ ވާން ނުޖެހޭނެ ކަމަށް ވިދާޅުވެ ގާސިމް ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ޕީޕީއެމުން ވެސް ޖޭޕީއާ ދުރަށް ދާންޖެހޭ ކަމަށެވެ.

ކޮންމެ ފަހަރަކު ބުރަ މަސައްކަތް ހޯދާ ވެރިކަން ޖޭޕީއަށް ބަހަން ނުޖެހި އަމިއްލަ އަށް ވެރިކަން ކުރުމުގެ ފުރުސަތު ހޯދަން އެބަޖެހޭ ކަމަށް ކާނަލް ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމް އެކަނި ނުކުމެގެންވެސް ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމަށާއި ރިޔާސީ އިންތިހާބަށް ޕީޕީއެމުން މިހާރު ތައްޔާރުވާން ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް ޔާމީނުގެ ނަންފުޅު އޮންނާނެ އެވެ.


Advertisement

ކޮމެންޓް