Advertisement

ބާސެލޯނާއިން ޔޫރަޕުގެ ރަސްގެފާނު ރެއާޅް މެޑްރިޑް ލަދުގަންނަވާލާ ހިތްދަތި ކޮށްލައިފި

29 Oct 2018 | 06:57

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި އެލް ކްލެސިކޯގައި 5-1 ގެ ބޮޑު ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ރެއާލް ލަދުގަންނަވާލައިފިއެވެ. މި މެޗަށް ބާސެލޯނާ ނުކުމެފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ލިއޯ މެސީއާނުލައެވެ.

ބާސެލޯނާގެ ފުރަތަމަ ލަނޑު ކޯޓީނިއޯ ޖަހައިދިން އިރު ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑަ ޖަހައދިނީ ސުއަރޭޒްއެވެ. ބާސެލޯނާއަށް މި ޕެނަލްޓީ ލިބުނީ ވީޑިއޯ އެސިސްޓެންޓް ރެފެރީ (ވީއޭއާރް) މެދުވެރިކޮށް ރެއާލްގެ ޑިފެންޑަރު ވަރާން ޕެނަލްޓީ އޭރިއާ ތެރެއިން ސުއަރޭޒްއަށް ކުރި ފައުލެއް އިތުރަށް ބެލުމަށްފަހުއެވެ.

ފުރަތަމަ ހާފުގެ ކުޅުން 2-0 ކުން ބާސެލޯނާ ކޮޅަށް ބުރަވެ ނިމުންއިރު ރެއާލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން ކުޅެވުނު ފުރަތަމަ ފަނަރަ މިނެޓުގެ ތެރޭ ރެއާލުން ވަނީ ބާސެލޯނާއަށް ޕްރެޝަރުކޮށް ލަނޑެއްވެސް ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ ރެއާލްގެ އަރިމަތިން ޑިފެންސްއަށް ކުޅެމުން އަންނަ މާސެލޯއެވެ.

މި ލަނޑަށްފަހު ރެއާލްގެ އުންމީދުތައް އާވިނަމަވެސް ބާސެލޯނާއިން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދާ ސުއަރޭޒް ބޮލުން ބޯޅަ ގޯލު ތެރެއަށް ވައްދާލި ލަނޑާއެކު ލީޑް ފުޅާކޮށްފައެވެ. ސުއަރޭޒް މިލަނޑު ޖެހީ ސާޖި ރޮބޭޓޯ ނަގައިދިން ރީތި ހުރަހަކުންނެވެ.

މެޗުގެ 83 ވަނަ މިނެޓުގައި އަނެއްކާވެސް ސާޖި ރޮބޭޓޯ ދިން ޕާހަކުން ސުއަރޭޒް ވަނީ ބާސެލޯނާގެ ހަތަރުވަނަ ލަނޑު އަދި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރެއާލްއަށް ބާސާލޯނާ މަތަ ނުކުރެވުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ވިދާލް މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓާ ލަނޑެއްޖަހައި ރެއާލް އިތުރަށް ހިތްދަތިކޮށްލުމެވެ.

މި މޮޅާއެކު ބާސެލޯނާ އޮތީ 21 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. ރެއާލް އޮތީ ދިހަ މެޗު ކުޅެގެން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައިވެސް ޔޫރަޕުގެ ޗެންޕިއަންކަން ހޯދައިފައިވާ ރެއާލްއުން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އަދި ވަކިން ހާއްސަކޮށް ވާދަވެރި ބާސެލޯނާ އަތުން މިހާ ތަފާތު ބޮޑުކޮށް ބަލިވުމުން ރެއާލްގެ ޗޯކު ލެޕޮގޭޓީ މަގާމުގައި އިތުރަށް ހުންނާނެކަމާމެދު ގިނަ ފަރާތްތަކަކުން ޝައްކު ކުރެއެވެ.   

Advertisement

ކޮމެންޓް