ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

14 Nov 2019 | 17:25

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ކޮމެޓީން އެގޮތަށް ފާސްކުރީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެމައްސަލައިގައި ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ހުށަހެޅުމުންނެވެ.

ޖުޑިޝަރީ ކޮމެޓީން މިއަދު ބއްވި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަގަޅަށް ކަމަށް ނިންމައި، ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައިވަނީ ފަސް މެންބަރުން ވޯޓް ދެއްވައިގެންނެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދެ ފަނޑިޔާރުން ވަކިކުރުމާއި މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ހުކުމުގެ މައްސަލައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޖޭއެސްސީން ބަލަމުންދަނީ ކޯޓުން ކޮށްފައިވާ ހުކުމުގެ މައްސަލަ ކަމަށާއި އެމައްސަލަތައް ޖެއެސްސީއަށް ނުބެލޭނެ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބެލީ އެކޮމިޝަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވެވަޑައިގަތުމަށް ފަނޑިޔާރު އާދަމް މުހައްމަދު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި މައްސަލައެވެ.  އަދި ތަހުގީގަށް ފޮނުވާފައިވަނީ ބާތިލު އަމުރެއް ކަމަށްވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވި އިރު، ދާދި ފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް މަގާމުން ވަކިކޮށްފައެވެ. 




Advertisement

ކޮމެންޓް

Advertisement