ރައީސް ޔާމީނުގެ މައްސަލަ ބައްލަވާ ގާޒީއެއްގެ މައްސަލައެއް ހުށަހަޅައިފި

14 Nov 2019 | 18:40

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ގާޒީ އަކު ވަކި މީޑިއާ އަކަށް މައުލޫމާތު ދެއްވި މައްސަލައެއް ޖުޑިޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ  ޝަރީއަތުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދުގެ ސުލޫކީ  މައްސަލައެއް މިމަހު ދިހަވަނަ ދުވަހު، ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ކަމަށެވެ.

ފަނޑިޔާރު އަލީ ރަޝީދާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކީ އިދިކޮޅު ކޯލިޝަންގެ މަސްލަހަތުވެސް ހިމެނޭ މައްސަލައަކަށްވާތީ އެމައްސަލަ ނުބައްލަވާ ލަސްވަމުންދާތީ ކޯލިޝަނުން ކަންބޮޑުވާކަމަށެވެ.

''ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާއާއި ހިލާފަށް ފަނޑިޔާރު އަލީ ރަޝީދުވަނީ ރައީސް ޔާމީންގެ ޝަރީއަތާބެހޭގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދީފައި ކަމަށްވީހިނދު، މިކަމަކީ ޖޭއެސްސީން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެކެވެ. އެހެންނަމަވެސް ވަކި ތަޢައްސުބެއްގެ ތެރެއިން މިމައްސަލަ ބެލުން ލަސްކޮށް، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ގަވައިދުތަކުން އެއްކިބާވެތިބެ ކަންކަން ކުރަމުންދާތީ އެކަން މި ކޯލިޝަނުން ކުށްވެރިކުރަމެވެ.'' ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައިވަނީ ކޯލިޝަނުން ދެކޭ ގޮތުގައި އެފަދަ ކަމެއް ހިނގާ ދިޔުމުން އެ ފަނޑިޔާރަކު އަމިއްލަފުޅަށްވެސް އެމައްސަލައަކުން ތަނާޒުލްވާން ޖެހޭކަމަށެވެ.

އެހެންކަމުން ފަނޑިޔާރު އަލީ ރަޝީދާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަ ބައްލަވައި، ފިޔަވަޅު އެޅުމަށް ކޯލިޝަނުން ޖޭއެސްސީއަށް ވަނީ ގޮވައިލާފައެވެ.

ބަޔާނުގައިވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން ހިންގަމުންދާ އަމަލުތައް މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.


Advertisement

ކޮމެންޓް