ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދޭނަން: ޖޭއެސްސީ

14 Nov 2019 | 20:34

ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް އެގޮތުގައި ދެމި އޮންނާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީން މިހެން ބުނެފައިވަނީ ކުރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް ބިރުދައްކައި އިންޒާރު ދޭ ކަމަށް ތުހުމަތުކޮށް އެކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަށް ކޯރާޑިއަކުން ގެއްލުންދިން މައްސަލަ ކުށްވެރިކޮށް، އެ ހަމަލާދިން ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވައިލާފައެވެ. އެމައްސަލައިގައި އަލީ ރަޝީދާއި އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމާބެހެ ފަރާތްތަކުން ފިޔަވަޅު އަޅަމުންދާގޮތް އެކޮމިޝަނުން ކައިރިން ބަލަމުންގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ، އަދި ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމި ތިބެންޖެހޭ ބަޔަކަށް ވީހިނދު، ފަނދިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް އަސަރުކުރާ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. އޭގެއިތުރުން ފަނޑިޔާރުގޭގެ އިތުބާރާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމު އުފެދޭ ގޮތަށް ނުވަތަ ޝަރުއީ ނިޒާމުގެ ހައިބަތާއި ގަދަރު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށްވެސް ޖޭއެސްސީގެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

މީގެ އިތުރުން ފަނޑިޔާރުން އަދާކުރަމުންދާ ދުސްތޫރީ އަދި ޝަރުއީ މަތިވެރި ޒިންމާ އަދާކުރުމަށް އެކި ފަރާތްތަކުން ކުރިމަތި ކުރުވާ ނުރައްކާތެރި ނުފޫޒުތަކާއި ބިރުވެރި ހަމަލާތަކުން ފަނޑިޔާރުންނާއި މުޅި ޝަރުއީ ނިޒާމު ސަލާމަތްކޮށް ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމމުކޮށްދިނުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތް ހަމަ އެގޮތުގައި ކުރިއަށްދާނެ ކަމަށް ބަޔާނުގައި ވެއެވެ.


Advertisement

ކޮމެންޓް

Advertisement