Advertisement

ރާއްޖެއިން ފަލަސްތީންގެ ދިފާއުގައި ތެދުވެއްޖެ!

15 Nov 2019 | 11:26

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ކުށެއް ނެތް އާންމުންގެ މައްޗަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

އެފަރާތުން މިހެން ބުނެފައިވަނީ ޣައްޒާއާއި ދެކޮޅަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ދެމުންދާ ވަރުގަދަ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ޚާރިޖިއްޔާއިން ބުނީ އިޒްރޭލުން ވެރިގެންފައިވާ ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތަކެއް ބަޔަކު މަރުވެ އަދި ގިނަބަޔަކު ޒަހަމްވި ހަމަލާާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތްތަކާއި ވަކިން ޚާއްސަކޮށް މިސްރުގެ ފަރާތުން މި ނުތަނަވަސްކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ދިވެހިރާއްޖެއިން ވަނީ ފާހަަގަކޮށް، ދެ ފަަރާތުންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލިކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްެޖެއިން ވަނީ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ގެއްލުންވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާވެސް ފޮނުވާފައެވެ.

ޚާރިޖިއްޔާއިން އިތުރަށް ބުނީ އިޒްރޭލުން ވެރިވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އާންމުން އަދި ވަކިން ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ބޭނުންކުރަމުންދާ ހާލަތާއި ނުބައްދަލު ބާރާާއި މެދު އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައިވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާއި އަދި އާންމު މަޖިލީހުގެ ނިންމުންތަކާއިވެސް ޚިލާފުކަމެއްކަމަށް ވަނީ ބުނެފައެވެ.

މި ބަޔާނުގައިވެސް ދިވެހިރާއްޖެއިން ވަނީ އަބަދުވެސް ބުނަމުންދާ ބީދައިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގޮތުގައި ބޭއްވުމަށް ގޮވާލައި، 1967 ގައި ކަނޑައެޅުނު ބޯޑަރާއި އެއްފަދައިން އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައަޅައިދިނުމަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް