Advertisement

އެޓޭކިން ކުޅުމެއް ދައްކާއި ޔުނައިޓެޑުން އެވަޓަން ބަލިކޮށްފި

29 Oct 2018 | 06:07

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އަދި އެވަޓަން ބައްދަލުކުރި މެޗު 2-1 ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން އާންމުގޮތެއްގައި ދިފާއީ ކުޅުމެއް ކުޅޭ ޔުނައިޓެޑުން މި މެޗުގައި ދައްކާފައިވަނީ އެޓޭކިން ކުޅުމެކެވެ.

ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޕޮގްބާއެވެ. ޕޮގްބާ މި ލަނޑު ޖަހާފައިވަނީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް އެނާ ފޮނުވާލުމުން އެވަޓަންގެ ކީޕަރު ޕިކްފޯޑް ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި ރީބައުންޑް ވެގެންދިޔަ ބޯޅައަކުންނެވެ.

ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހައިދިނީ ޕޮގްބާ ދިން ޕާހަކުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މާޝިއަލް ވަރަށް ރީތިކޮށް ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

އެވަޓަންގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސިގާޑްސަންއެވެ. މިއީ ސިގާޑްސަން ޕްރިމިއަރ ލީގުގައި ޔުނައިޓެޑައި ދެކޮޅަށް ޖެހި ހަތަރުވަނަ ލަނޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާޝިއަލްއަށް މިހާރު އޭނާގެ ފަރާތުން ކްލަބް ބޭނުންވާ ކަންތައްތައް އިނގޭކަމަށާއި ލަނޑު ނުޖެހުނަސް ލަނޑުޖަހާނެ މަގު ތަނަވަސްކޮށް ދިނުމަކީވެސް ވަރަށް މުހިންމުކަމެއް ކަމަށެވެ.

މެޗުން ބަލިވުމުން ހިތްހަމަ ނުޖެހިފައި ހުރި އެވަޓަންގެ ކޯޗު މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކީ މާޝިއަލް ޑައިވް ކުރުމުގެ ސަބަބުން އެ ޓީމަށް ލިބުނު ޕެންލްޓީއެއް ކަމަށެވެ. މެޗު ފަށައިގެން ފުރަތަމަ ބައި ގަޑިއިރު ދިޔައީ ވަރަށް ހަމަހަމަކޮށް ކަމަށާއި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަށް ފަހު މެޗުގެ އޮއެވަރު ބަދަލުވީ ކަމަށެވެ.

މި ނަތީޖާއަށް ފަހު ތާވަލުގެ އަށްވަނައިގަ ޔުނައިޓެޑް އޮތްއިރު އެވަޓަން އޮތީ ނުވަވަނައިގައެވެ.  

Advertisement

ކޮމެންޓް