Advertisement

ލާމަރުކަޒީ ނިޒާމާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ހުުޅުމާލޭގައި ބާއްވަނީ

15 Nov 2019 | 11:05

ދިވެހިރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ގުޅޭގޮތުން ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އެޗްޑީސީން ބާއްވަމުންގެންދާ "މަންސަ" ސިލްސިލާ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން، މިރޭ 20:30 އިން ފެށިގެން ހުޅުމާލޭ މައި ބަސް ސްޓޮޕް ކައިރީގައިވާ ރުއްގަނޑު ސަރަހައްދުގައެެވެ.

މި އިވެންޓްގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އެބޭފުޅާއަކީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ނިޒާމާއި ބެހޭ މުގައްރިރުވެސްމެއެވެ.

މަންސަ ހަރަކާތުގެ މިރޭގެ ޕެނަލް ޑިސްކަޝަން މޮޑަރޭޓްކުރުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑިވެލޮޕްމެންޓް އެންޑް ރެޒިލިއަންސް މެނޭޖަރގެ މަގާމުގައި ހުންނެވި މައީދު މުހައްމަދު ޒާހިރެވެ. މި ޕެނަލް ޑިސްކަޝަންގެ މެންބަރުންނަކީ މެންބަރު އަލީ ނިޔާޒު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަހުމަދު ހަމްދާން އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފު އަހުމަދެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ އެޗްޑީސީން އެދޭ ކަމެކެވެ. އެކުންފުނިން އިންތިޒާމްކޮށްގެން މީގެ ކުރިން ބޭއްވި މަންސަ ޕެނަލް ޑިސްކަޝަންތަކަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

Advertisement

ކޮމެންޓް

Advertisement