Advertisement

މޮރޮކޯގެ މައުހަދުތަކުން ދިވެހި އިމާމުންނަށް ތަމްރީން ހޯދުމުގެ ފުުރުސަތުދެނީ

15 Nov 2019 | 17:12

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، މޮރޮކޯއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މޮރޮކޯގެ މިނިސްޓަރ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް ހިޒް އެކްސެލެންސީ އަޙްމަދު ތައުފީޤް އާއި ބައްދަލު ކުރައްވައިފިއެވެ.

މޮރޮކޯގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި މޮރޮކޯއާ ގުޅުންހުރި ދީނީ ތަރިކައަށާއި ތާރީޚަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ދިވެހިރާއްޖެ އަށް އިސްލާމް ދީން ތަޢާރަފްވިގޮތުގައި ހަވާލާދެވޭ މޮރޮކޯގެ އަބުލް ބަރަކާތް ޔޫސުފުލް ބަރްބަރީގެ ނަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނުގެ އަސާސްތައް އިޢާދަކުރުމަށް އެކުއެކީ މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މަޢުހަދުތަކުން ތަމްރީން ފުރުޞަތުތައް ހޯދުމާއި ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ޝާހިދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ފުރިހަމަ އަޤީދާގެ މަތިވެރިކަމާއި މޫރިތިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުޙީބުދެއްވިއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް އަޙުމަދު ޚަލީލް އާއި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ މުޢުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް