ޔޫޕީއާރްގެ 34ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

15 Nov 2019 | 21:41

ނޮވެމްބަރު މަހުގެ 4 އިން 15 އަށް ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީހުގައި ކުރިއަށް ދިޔަ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 34 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދެމުންދާ އަހަމިއްޔަތުކަމުގެ ތެރެއިން މި ސެޝަންގައި ރިވިއު ކުރެވުނު 10 ޤައުމާއި ބެހޭ ގޮތުން ދިވެހިރާއްޖެއިން ވަނީ ބިނާކުރަނިވި ހުށަހެޅުންތަކެއް ކައުންސިލަށް ހުށަހަޅާފައެވެ. މިފަހަރު ރިވިއު ކުރެވުނު 10 ޤައުމަކީ އިޓަލީ، އެލްސެލްވަޑޯރ، ގެމްބިއާ، ބޮލީވިއާ، ފިޖީ، އިރާޤް، ސްލޮވީނިއާ، މިސްރު އަދި ބޮސްނިއާ އެންޑް ހެޒްގޮވީނާ އެވެ.

ދިވެހިރާއްޖޭގެ ފަރާތުން ޔޫ.ޕީ.އާރް ސެޝަންގައި ބައިވެރިވެވަޑައިގަތީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ހާލާ ހަމީދާއި، ދާއިމީ މަންދޫބުގެ ނައިބު ހައުލާ އަހުމަދު ދީދީ އާއި، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ފަރސްޓް ސެކްރެޓަރީ ޝާޔާ އަލިމަނިކެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއަކީ އދގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދެނެގަންނަ ނިޒާމެކެވެ. ޔޫ.ޕީ.އާރްގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސަނީ ހައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލަށް ހުށަހެޅުމަށް ހުރިހާ ޤައުމުތަކަށް ފުރުސަތު ލިބެއެވެ. މީގެ ބޭނުމަކީ ހުރިހާ ޤައުމުތަކެއްގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ އަމަލެއް އެއްވެސް ތަނެއްގައި ހިނގައިފިނަމަ އެކަން ހުއްޓުވުމެވެ. އަދި ޔޫ.ޕީ.އާރް ނިޒާމް ޤާއިމްވެފައިވަނީ ޤައުމުތަކުގެ އެސެސްމަންޓް ހެދުމުގައި ހުރިހާ ޤައުމުތަކަކަށްވެސް އެއް ހަމަޔަކުން އަމަލުކުރުމުގެ އުޞޫލަކުންނެވެ.

އދގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ވަރކިން ގްރޫޕުން ކޮންމެ އަހަރަކު 3 ފަހަރު، 2 ހަފްތާއަށް ދިގުދެމިގެންދާ ޔޫ.ޕީ.އާރް ސެޝަންތައް ބާއްވައެވެ. 2017 ވަނަ އަހަރު ފަށާފައިވާ ޔޫ.ޕީ.އާރް ގެ 3 ވަނަ ސައިކަލް ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުއެވެ. އަދި 3 ވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ އިންސާނީ ހައްޤުތަކާއި ބެހޭ ރިވިއު އޮންނާނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހު ފެށޭ ޔޫ.ޕީ.އާރްގެ 36 ވަނަ ސެޝަންގައެވެ.

Advertisement

ކޮމެންޓް

Advertisement