ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ

16 Nov 2019 | 08:24

2019ވަނަ އަހަރުގެ ސްރީލަންކާާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ހެނދުނު ހަތަކުން ފެށިގެން ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 12،845 ވޯޓުލާ މަރުކަޒުތަކަށް އެގައުމުގެ ރައްޔިތުން ދަނީ ވޯޓުލަމުންނެވެ. މި އިންތިޚާބުގައި އެގައުމުގެ ގާާތްގަނޑަކަށް 16މިލިޔަން ރައްޔިތުންނަށް ވޯޓު ލެވޭނެކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސްރީލަންކާގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ޖުމްލަ 35ކެނޑިޑޭޓުން ވާދަކުރައްވައެވެ. ނަމަވެސް އެގައުމުގެ ސިޔާސީ މައިދާން ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މި އިންތިޚާބުގައި އެންމެ މަގުބޫލު ދެ ކެނޑިޑޭޓުންނަކީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސައާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެނޑިޑޭޓް އަދި ހައުސިންގ މިނިސްޓަރ ސަޖިތު ޕްރޭމަދާސައެވެ. މި ދެބޭފުޅުންނަކީވެސް ސިޔާސީ މައިދާނުގައި އާއިލީ ނުފޫޒު އޮތް ދެފަރާތެވެ.

މިފަަހަރުގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ފަރާތްތަކުންވެސް އަލި އަޅުވާލަމުންދާ މައިގަނޑު މައުޟޫއުއަކީ އެގައުމުގެ އިގްތިސާދާއި ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކައެވެ. 

ސްރީލަންކާގައި އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. އެހެންކަމުން އެގައުމުގެ ސަރުކާރުގެ ބޮޑުވަޒީރާއި ވަަޒީރުންގެ މަޖިލިސް ހޮވިގެންދާނީ އެގައުމުގެ ގާާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. އެގައުމުގެ ބޮޑުވަޒީރެއްގެ ގޮތުގައި ރައީސް ހަމަޖައްސާނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް މެންބަރެކެވެ. ދާދިފަހުން ލަންކާގެ ގާނޫނު އަސާސީއަށް ގެނެވުނު ބަދަލަކާއި އެކު، މިފަހަރުގެ އިންތިޚާބުގައި ހޮވޭ ރައީސަކަށް އެގައުމުގެ ކެބިނެޓްގެ މަގާމެއް އަދާ ނުކުރެއްވޭނެއެވެ.

މި އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން ވޯޓުލާން ބޭނުންވާ އެއް ކެނޑިޑޭޓަކަށް ނުވަތަ ޕްރިފަރެންޝިއަލް ސިސްޓަމްގެ ދަށުން 1،2،3 ގެ ގޮތުގައި ކެނޑިޑޭޓުންނަށް ވޯޓުދެވޭނެއެވެ. މި އިންތިޚާބުގެ ނަތީޖާ މާދަމާ ނުވަތަ މިމަހުގެ 18ވަނަ ދުވަހުގައި އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކާގެ 2019ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅުންހުރި މުހިންމު ޚަބަރުތައް ވޮއިސްގެ ކިޔުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް