އެނބުރި އަންނާނަން، ދެން އަންނާނީ ބަދަލު ހިފަން؛ ސައީދު

19 Nov 2019 | 11:29

2023 ގައި ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށާއި ދެން އެނބުރި އަންނާނީ ބަދަލު ހިފަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

''ފުނޑާލައިފި'' ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސަގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، 2023 ގައި ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށާއި އެދުވަހަކުން މިހާރުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބަލާނެ ކަމަށެވެ.

ސަރުކާރުން ހަވާލުކޮށްފައިވާ ކޮންމެ ޕްރޮޖެކްޓެއް ބަލައި، އަދި ކޮންމެ މައްސަލައެއް ބަލައި އެފުށް މިފުށަށް ޖަހާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

''2023 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީން. މިއަދު ހުކުމްވެސް ކުރެވިދާނެ، ގޮތްގޮތަށް ކަންތައްތައް ކުރެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އައިސް މި ކޮންމެ މައްސަލައެއް އެއްފުށުން އަނެއް ފުށަށް ޖަހާނަން. ކޮންމެ ޕްރޮޖެކްޓެއްގައި ކޮރަޕްޝަންގެ ފައިސާ ހިމެނިފައިވޭތޯ ބަލާނަން. ބަދަލު ހިފާނަން އަޅުގަނޑުމެން. އަޅުގަނޑުމެން އަންނާނީ ބަދަލު ހިފަން. މިއަކީ ސިއްރަކުން ކުރާނެ ކަމެއްނޫން.'' ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިސަރުކާރަށް ރައީސް ޔާމީން މައްސަލައަކަށްވީ ދެވަނަ ބޮޑު ރަންވޭއެއް އެޅުން ކަމަށާއި ބުރިޖެއް އެޅުމާއި ބޮޑެތި މަޝްރޫއުތައް ހިންގައި އައިޖީއެމްއެޗަށް އެމްއާރުއައި މެޝިނެއް ގެނައުމުގެ އިތުރުން 25 ބުރީގެ ހޮސްޕިޓަލެއް އެޅުން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ރައީސް ޔާމީން ނެތިކޮށްލެވިދާނެ ކަމަށާއި އަދި އެމަނިކުފާނުގެ ހިޔަނިވެސް ފުހެލެވިދާނެ ކަމަށެވެ. މިއަދު ސަރުކާރުގައި އާރާއި ބާރާއި ކަނޑިއާއި ބަޑިވެސް އެބަހުރި ކަމަށާއި ކޮނޑަށް މަހުމާ އަރުވައިގެން ތިބެ އެކަން ކުރެވިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement