ގާނޫނީ ޝަރުއީ މިންގަނޑުން ބަލާއިރު ގާޒީ އަލީ ރަޝީދަށް މައްސަލައެއް ނުބެލޭނެ: ޖަމީލު

16 Nov 2019 | 17:27

ފަނޑިޔާރުންގެ ގާނޫނާއި ޝަރުއީ މިންގަނޑަށް ބަލާއިރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ޔާމީނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ގާނޫނީ ޓީމުން މިހެން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ޝަރީއަތުގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފައިވަނިކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

ކުރިން އެމައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް  ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ހައިލަމުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާކަމަށް ބުނެ، އޭނާ ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން ތާވަލްކޮށް، ޝަރީޢަތް ފަށަން ކުޑަތަންވެފައިވަނިކޮށެވެ. 

އޭގެ ފަހުން ރައީސް ޔަމީންގެ ޝަރީއަތް ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލައި، އެކޯޓު ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކުރިއެވެ. މާދަމާ ހުކުމްކުރުމުގެ އަޑުއެހުން ބާއްވާއިރު ގާޒީ އަލީ ރަޝީދު މައްސަލައާއި ހަވާލުވި ފަހުން ވަކި މީޑިއާއަކަށް މައްސަލައާއި ގުޅޭ ގޮތުން އޭނާ މައުލޫމާތު ދިން މައްސަލަވެސް މިހާރު އަމިއްލަ ފަރާތަކުންވަނީ ޖެއެސްސީއަށް ހުށަހަޅާފައެވެ.

ރައީސް ޔާމީނުގެ ގާނޫނީ ޓީމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ އިސް ވަކީލެއްއް ކަމަށްވައި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މައްސަލައާއި ގުޅޭ ގޮތުން ގާޒީ އަލީ ރަޝީދު ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވި ހިސާބުން އޭނާ މައްސަލައިން ތަނާޒުލުވާން ޖެހޭނެ ކަމަށެވެ. އަލީ ރަޝީދަކީ މިހާރު ނުފޫޒުގައި ޖެހި ވަކި ފަރާތަކަށް ބުރަވެފައިވާ ބޭފުޅެއްކަން ރައްޔިތުންނަށް ހާމަވެއްޖެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އަލީ ރަޝީދުގެ މައްސަލަ ސުލޫކީ މައްސަލައެއްްގެ ގޮތުގައި ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާފައިވަނިކޮށް އެމައްސަލަ ނުބަލައި، އަލީ ރަޝީދު އިސްވެ ހުންނަވައިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

''ހުކުމް ވަކިގޮތަކަށް ކުރަން ގާޒީ ހައިލަމަށް ނުފޫޒު ފޯރުވުމަށްފަހު ހުކުމް އިއްވަން އޮތް ދުވަހު ހައިލަމް ސަސްޕެންޑް ކުރީ ކީއްވެ. ލައިވްކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތެއް ހުކުމާ ހަމައަށް ދިޔައިމަ ލައިވް ނުކުރަން ނިންމީ ކީއްވެ. ގާޒީ އަލީ ރަޝީދު މައްސަލައާއި ގުޅޭ ގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވީ ކީއްވެ. މިއީ ހުސް ކަންބޮޑުވުންތައް. ގާޒީ އަލީ ރަޝީދު އެވަނީ  ފަނޑިޔާރުންގެ ގާނޫނާއި ޝަރުއީ ގާނޫނާއި ވަރަށް ބޮޑަށް ހިލާފުވެފައި. މައްސަލައިން ތަނާޒުލުވާންޖެހޭ.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ވަކި ގޮތަކަށް ހުކުމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާގެ ޗީފްއޮފް ސްޓާފް އަލީ ޒާހިރު ގާޒީ ހައިލަމަށް ގުޅުއްވި ކަމަށާއި އެހިސާބުން އެއޮތީ މައްސަލައަށް ނުފޫޒު ވަދެފައި ކަމަށެވެ.

ޝަރީއަތުގެ ހުކުމް އަންނާނެ ގޮތެއް ބެލުމަށް ގާޒީ ހައިލަމަށް އަލީ ޒާހިރު ގުޅުއްވިކަން އޭނާ މީސް މީޑިއާގައި އިއުތިރާފުވެ ވަޑައިގެންނެވި ކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ އެހިސާބުން އަލީ ޒަހިރުގެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އަލީ ރަޝީދު އިސްވެ ހުންނަވައިގެން ރައީސް ޔާމީނުގެ މައްޗަށް އިންސާފުވެރި ހުކުމެއް އިއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.


Advertisement

ކޮމެންޓް