ލަންކާގެ ރިޔާސީ އިންތިޚާބު: ރައީސް ސިރިސޭނާ އެންމެ ފަހު ފަހަރަށް ގައުމާއި މުޚާތަބުކުރައްވައިފި

16 Nov 2019 | 17:46

ސްރީލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މައިތިރިޕާލާ ސިރިސޭނާ އެންމެ ފަހު ފަހަރަށް ގައުމާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

ސިރިސޭނާ ގައުމާއި މުޚާތަބުކުރައްވާ ވާހަކަފުުޅު ދައްކަވާފައިވަނީ މިއަދު ކުރިއަށްގެންދިޔަ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު ނިމުނުތާ މާ ގިނަ އިރެއްނުވެއެވެ. މި އިންތިޚާބުގައި ރައީސް ސިރިސޭނާ ވާދަކުރައްވާފައި ނުވާތީ، މިއީ އެމަނިކުފާނުގެ އެންމެ ފަހުގެ ރިޔާސީ ވާހަކަފުޅުކަން ފާހަގަކޮށްލެވެއެވެ.

ރައީސް ސިރިސޭނާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގައުމުގެ ހުރިހާ ފަރާތްތަކަށްވެސް ޑިމޮކްރަސީގެ މިނިވަންކަން ލިބޭނެ ގޮތް ހައްދަވައިދެއްވި ކަމަށާއި އަދި އެ މިނިވަންކަމުގެ ބޭނުންކޮށްގެން މުޖުތަމައުގެ ފަރާތްތަކުން އެމަނިކުފާނުގެ ނަން ކިލަނބު ކުރުމަށްވެސް މަސައްކަތްކުރިކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީގޮތުން ހިނގި އެއްވެސް ގަތުލެއް ނޯންނާާނެކަމަށްވެސް ވިދާޅުވިއެވެ.

ސިރިސޭނާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި އުފެދުނު ހަަމަނުޖެހުންތަކެއްގެ ސަަބަބުން ސަރުކާރުގެ ފަރާތުން ވައުދުވި މުހިންމު ކަންތައްތަކެއް ފުއްދައިދިނުމަށް ހުރަސްއެޅިގެންދިޔަކަމަށެވެ. ނަމަވެސް އެގައުމުގެ ކެންޑީގައި ވާހަކަފުޅު ދައްކަވަމުން ވައުދުވީ ފަދައިން ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަކުރައްވާފައި ނުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާ ރައީސްގެ ވާހަކަފުޅަށް އަލިއަޅުއްވާލަމުން ސިރިސޭނާ ވިދާޅުވީ އެގައުމުގެ އާ ރައީސަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ، ކޮރަޕްޝަން ނެތް ކެބިނެޓެއް އެކުލަވާލުން ކަމަށެވެ.

ބެލެވޭ ގޮތުގައި މި އިންތިޚާބަށްފަހުވެސް ރައީސް ސިިރިސޭނާ، ސްރީލަންކާާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންދާނެއެވެ. 

Advertisement

ކޮމެންޓް