Advertisement

ލަންކާގެ ރިޔާސީ އިންތިޚާބު: ވޯޓުގުނުމުގެ މަސައްކަތް ފަށައިފި

16 Nov 2019 | 20:31

މިއަދު ކުރިއަށްދިޔަ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މިހާރު ދަނީ ޕޯސްޓަލް ވޯޓްތައް ގުނުމުގެ މަސައްކަތް ފަށާފައެވެ. ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން ލަފާ ކުރާ ގޮތުގައި މިރޭ މެންދަންވުމުގެ ކުރިން ނަތީޖާތައް އިއުލާން ކުރެވެން ފަށާނެއެވެ.

މި އިންތިޚާބުގައި އެންމެ ފުރަތަމަ ގުނުމަށް ހަމަޖެހިފައިވަނީ ޕޯސްޓަލް ވޯޓުތަކެވެ.

މިއަދު ހެނދުނު ހަތަކުން ފެށިގެން ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 12،845 ވޯޓުލާ މަރުކަޒުތަކަށް އެގައުމުގެ ރައްޔިތުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބުގައި އެގައުމުގެ ގާާތްގަނޑަކަށް 16މިލިޔަން ރައްޔިތުންނަށް ވޯޓު ލެވޭނެކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސްރީލަންކާގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ޖުމްލަ 35ކެނޑިޑޭޓުން ވާދަކުރިއެވެ. ނަމަވެސް އެގައުމުގެ ސިޔާސީ މައިދާން ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މި އިންތިޚާބުގައި އެންމެ މަގުބޫލު ދެ ކެނޑިޑޭޓުންނަކީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސައާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެނޑިޑޭޓް އަދި ހައުސިންގ މިނިސްޓަރ ސަޖިތު ޕްރޭމަދާސައެވެ. މި ދެބޭފުޅުންނަކީވެސް ސިޔާސީ މައިދާނުގައި އާއިލީ ނުފޫޒު އޮތް ދެފަރާތެވެ.

މިފަަހަރުގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ފަރާތްތަކުންވެސް އަލި އަޅުވާލާފައިވާ މައިގަނޑު މައުޟޫއުއަކީ އެގައުމުގެ އިގްތިސާދާއި ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކައެވެ. 

Advertisement

ކޮމެންޓް