އެސްޑީއެފްސީން 250 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

16 Nov 2019 | 21:22

ކުދި އަދި މެދުފަންތީގެ ވިޔަފާާރިތަކަށް އަމާޒުކޮށްގެން ލޯނު ދޫކުރުމަށް ސަރުކާރުން އުފެއްދި ބޭންކް ކަމުގައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް 250މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ހާމަކުރައްވައިިފިއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ޔޫއެންޑީޕީން އިންތިޒާމްކޮށްގެން ބޭއްވި ތިންވަނަ ނެޝަނަލް ޑައިލޮގް ބައްދަލުވުން އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އެސްޑީއެފްސީ ހުޅުވާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކަމަށާއި މި ސަރުކާރުން އެފަރާތްތަކަށް ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށެވެ. އަދި އެ ބޭންކްގެ ޚިދުމަތްތަކަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެގޮތުން އެސްޑީއެފްސީ ފެށިފަހުން 1.5 ބިލިޔަން ރުފިޔާގެ ލޯން ހޯދުމަށް އެކި ފަރާތްތަކުން ފޯމް ހުށައެޅިއިރު، 250 މިލިޔަން ރުފިޔާގެ ލޯން އެކި ފަރާތްތަކަށް ދޫކޮށްފައިވާނެކަމަށް މިނިސްޓަރ ފައްޔާޒު ހާމަކުރެއްވިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކުރީ މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް