ވިލާ ކޮލެޖަށް ޔުނިވާސިޓީއެއްގެ ދަރަޖަ ނުލިބިގެން އުޅެނީ ކީއްވެތޯ: ގާސިމް

17 Nov 2019 | 00:11

ވިލާ ކޮލެޖަށް ޔުނިވާ ސިޓީއެއްގެ ދަރަޖަ ނުލިބިގެން އުޅެނީ ކީއްވެތޯ، ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރަށް އިލްތިމާސްކުރައްވައި، ގާސިމް މިފަދައިން ވިދާޅުވީ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް-ވިލާ ކޮލެޖްގެ ތިންވަނަ ގްރެޖުއޭޝަން ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވި، ވިލާކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ސަރުކާރުން ނުދެއްވައިގެން އުޅުއްވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. މިދިޔަ ސަރުކާރުން ކުރެއްވި އޮޑިޓާއި އަދި ހުރިހާ ޓެސްޓަކުންވެސް ވިލާ ކޮލެޖް ފާސްވެ ނިމިފައިވާއިރު މިއަދާ ހަމައަށްވެސް ހުއްދަ ނުލިބޭތީ ކަންބޮޑުވާ ކަމަށް ގާސިމު ވިދާޅުވިއެވެ.

ވިލާ ކޮލެޖު، ޔުނިވާ ސިޓީއަކަށް ހެދުމުގެ ހުވަފެންތަކެއް ދެކެވަޑައިގެން މީގެ އެތައް އަހަރެއްގެ ކުރިން ގާސިމް ފެއްޓެވި މަސައްކަތަށް ފަހު، ގާސިމް ވަނީ މިސަރުކާރުގައިވެސް އެކަމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން، މި ސަރުކާރުން ބުނެފައި ވަނީ އަމިއްލަ ފަރާތްތަކަށް ޔުނިވާސިޓީ ހިންގުމުގެ ހުއްދަ ދެވޭނީ ގާނޫނެއްގެ ތެރެއިން ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ގާސިމު ވިދާޅުވީ ތައުލީމް ފޯރުކޮށްދިނުމަށް ވިލާ ކޮލެޖަށް މާލެ އިން ބިން ދީފައި ވަނީ 35 އަހަރަށް ކަމަށާއި ފާއިތުވި 12 އަހަރުގެ ތެރޭގައި އެތަނަށް ގިނަ އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ތަންތަން 99 އަހަރަށް ކުއްޔަށް ނުދެވެނީ ކީއްވެގެންތޯ ވެސް ގާސިމް ސުވާލު އުފެއްދެވިއެވެ.

"ސަރުކާރުން ދެއްވި ބިންކޮޅެއްގައި އަޅުގަނޑުމެން އިމާރާތްކޮށްގެން ކުރަމުންދާ މިމަސައްކަތް، މިދަންނަވަނީ ވިލާ ކޮލެޖްގެ ވާހަކަ. ވަރަށް އާދައިގެ ގޮތަކަށް ހުރި އިމާރާތްތަކެއް އަލުން އިންވެސްޓްކޮށްގެން މިވަނީ ހަދާފަ. ވަރަށް ބޮޑެތި ޚަރަދުތައް ކުރެވިފަވަނީ. އެހެން ނަމަވެސް 35 އަހަރު ދުވަހަށް ލިބިފައިވަނީ. މިބާވަތުގެ ޕްރޮޖެކްޓްތައް ހިންގުމުގަ ސަރުކާރުގެ ވިސްނުންފުޅު އަޅުގަނޑަށް ކަށަވަރު. އަޅުގަނޑު ދަންނަވާނީ 99 އަހަރަށް ކީއްވެތޯއޭ ނުދެއްވަންވީ" ގާސިމް ވިދާޅުވިއެވެ.

އަދި މިހާރު ހުރި ފިޔަވަޅުން ވިލާ ކޮލެޖު ކުރިއަށް ޖެހެން އެބަޖެހޭކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ވިލާ ކޮލެޖް ހިންގަނީ ސަރުކާރަށް އެއްވެސް ބަރޯސާވުމެއްނެތި ކަމަށާއި، އެއީ މިއަދުގެ ސަރުކާރުންވެސް ފަޚުރުވެރިވާނެ ކަމެއްކަމަށެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާވެސް ވިސްނާވަޑައިގެން، ވިލާ ކޮލެޖަށް ދެއްވާފައިވާ ބިން ބޮޑުކޮށްދެއްވައި އަދި ދިގު މުއްދަތަށް އެބިން ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

ގާސިމް އިބްރާހިމްގެ ވާހަކައިގައި ވިދާޅުވީ، ދިވެހި ސަރުކާރުގެ ޔުނިވަރސިޓީ، (އެމްއެންޔޫ) ހިންގަނީ 250 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށާއި، އެއީވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. 

Advertisement

ކޮމެންޓް