Advertisement

ލަންކާގެ ރިޔާސީ އިންތިޚާބު: ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބީ އިއުލާާންކުރައްވައިފި

17 Nov 2019 | 10:15

އިއްޔެ ކުރިއަށްދިޔަ ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސަ އިއުލާންކުރައްވައިފިއެވެ.

އެގޮތުން ގޯޓާބަޔަ ރާޖަޕަކްސައިގެ ކެމްޕެއިން ޓީމްގެ ފަރާތުން ވަނީ އޭނާ މި އިންތިޚާބު ކާމިޔާބުކުރިކަމަށް އޭއެފްޕީގައި ބުނެފައެވެ. އަދި އެބޭފުޅާ ނިސްބަތްވާ އެސްއެލްޕީޕީއިންވެސް ވަނީ މިކަން އިއުލާންކޮށް، ސުލްހަވެރިކަމާއި އެކު ޝުއޫރު ފާޅުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާގެ ގަޑިން މިއަދު 10:30 އާއި ހަަމައަށް އާންމުވެފައިވާ ނަތީޖާތަކަށް ބަލާއިރު، ގޯޓާބަޔައަށް ލިބިވަޑައިގެންފައިވަނީ 2،938،754 ވޯޓު ނުވަތަ އިންތިޚާބުގައި ވޯޓުލީ މީހުންގެ 49.48އިންސައްތަ މީހުންގެ ވޯޓެވެ. އެބޭފުޅާއާއި އެންމެ ގާތުން ވާދަކުރެއްވި ޔޫއެންޕީގެ ސަޖިތު ޕްރޭމަދާސައަށް ލިބިވަޑައިގެންފައިވަނީ 2,679,221 ވޯޓު ނުވަތަ ވޯޓުލީ މީހުންގެ 44.43 އިންސައްތަ މީހުންގެ ވޯޓެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިވަގުތު މެޖޯރިޓީ އޮތީ ޔޫއެންޕީއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައިގެ ފަހަތުގައެވެ. އެހެންކަމުން ގޯޓާބަޔަ ރާޖަޕަކްސަ ބޭނުންފުޅުވާ ފަދައިން އެގައުމުގެ ބޮޑުވަޒީރުކަމަށް ކުރީގެ ރައީސް އަދި ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ގެނައުމުގައި ދަތިތަކެއް ދިމާވާނެއެވެ.

އެހެންކަމުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އަވަސް އިންތިޚާބަކަށް ދިއުމަކީ ގާތުގައިވާ ކަމެކެވެ.

Advertisement

ކޮމެންޓް