ޑރ.އަފްރާޝީމްގެ ހަގީގީ ގާތިލުން ފޮރުވަން ދަނީ މަސައްކަތް ކުރަމުން: ޑރ.ޝަހީމް

17 Nov 2019 | 11:50

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ ހަގީގީ ގާތިލުން ފޮރުވަން މަސައްކަތް ކުރަމުންދާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރާއި މައުސޫމް މީހުންނާާއި ގުޅުވަން ކުރާ މަސައްކަތަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާ ކަމެއްކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކުން އެބޭފުޅާ ބަރީޢަވެގެންވާކަން މާާތްﷲ ދެނެވޮޑިގެންވާނެކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

"ޓީވީ ޕްރޮގްރާމާއި ބެހޭގޮތުން މަރު ކޮމިޝަނަށް ދީފައިވާނީ ތެދު މައުލޫމާތު"، ޝަހީމް ވިދާޅުވިއެވެ. ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު މިއަދު އާންމުކުރި ޚުލާސާ ރިޕޯޓްގައި ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން ޝަހީމްގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ.

އެގޮތުން އެ ޚުލާސާގައި ބުނެފައިވާ ގޮތުގައި ޑރ.އަފްރާޝީމް އަވަހާރަވި ދުވަހުގެ ރޭ ޓީވީއެމްގެ ޕްެރޮގްރާމަކަށް އަރާވަޑައިގެންފައިވަނީ އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމްގެ އެދިލެއްވުމުގެ މަތިންނެވެ. އަދި ޑރ.ޝަހީމްގެ އެދިލެއްވުމަކަށް އެބޭފުޅާއާއި ޑރ.އަފްރާޝީމް ބައްދަލުކުރެއްވިކަމަށްވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރުން ޑރ.އަފްރާޝީމް ތައުބާ ވެއްޖެނަމަ އޭނާގެ މައްޗަށް ހިތްހެޔޮ ވާނެ ކަމަށް ބުނެ މީހަކު ޝަހީމަށް ފޮނުވި މެސެޖެއް އެބޭފުޅާގެ ފަރާތުން އަފްރާޝީމަށް ފޯވާޑް ކުރިކަމަށް ޝަހީމް ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. ނަމަވެސް މި މެސެޖް ފޮނުވީ ކޮން ފަރާތަކުންކަމެއް މިހާރު ހަނދާނެއް ނެތްކަމަށް އެބޭފުޅާ ވަނީ ތަހުގީގުގައި ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް