ރައީސް ޔާމީންގެ މައްސަލަ އަލުން ނުބަލަން ނިންމައިފި

17 Nov 2019 | 14:41

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަލުން ނުބެލުމަށް، ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިހާރު ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމުގައި، ފަނޑިޔާރުންގެ ބެންޗްގެ ފަރާތުންނެވެ.

މި ބެންޗްގައި އިސްކޮށް އިންނަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގާާޒީންގެ މެދުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިފައިވާކަމަށާއި މި މައްސަލައިގައި އަލުން ހެކިބަސް ނެގުން އެއީ ރަނގަޅު ކަމަކަށް ނުބެލެވޭކަމަށެވެ.

" އެހެންކަމުން ޝަރީޢަތުން މިނިންމަނީ މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބުން މައްސަލަ ކުރިއަށް ގެންދަން. މިމައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކެއް ވަނީ ގާޟީންނާއި ހަވާލުކުރެވިފައި"، ގާާޒީ ވިދާޅުވިއެވެ.

މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

މީގެ ކުރިން މި މައްސަލަ ބައްލަަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސްގާާޒީ އަހުމަދު ހައިލަމް ވަނީ 60ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.

Advertisement

ކޮމެންޓް