Advertisement

އިންސާފެއް އިހުސާސެއް ނުކުރެވުނު، ޝަރީއަތް ނިންމާލީ ބަސް ބުނަސް ފުރުސަތު ނުދީ: ޝިޔާޒު

17 Nov 2019 | 16:11

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ޝަރީއަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުންނަށް ބަސް ބުނުމުގެ ފުރުސަތު ދީފައި ނުވާތީ، އިންސާފު އިހުސާސް ކުރެވިފައި ނުވާކަމަށް ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑަައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެއެެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ރައީސް ޔާމީންގެ ޝަރީއަތަށްފަހު، ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝިޔާޒު ވިދާޅުވީ، ޝަރީޢަތް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ދައުލަތަށް ފެންނަ ގޮތަކީ ކޮބައިތޯ ބެލުމަށް އެފަރާތަށް ފުރުސަތު ދިން އިރު ދިފާއީ ވަކީލުންނަށް އެފުރުސަތު ނުދެއްވި ކަމަށެވެ. ޝަރީއަތް ނިންމާލިކަން އިއުލާން ކުރެއްވި ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަތް ނަގައިގެން ހުންނެވި ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ނިންމާލި ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

''އިންސަފު މިއަދު އަޅުގަނޑުމެންނަކަށް އިހުސާސެއް ނުކުރެވުނު. އަޅުގަނޑުމެންގެ ފަރާތުން ދައްކަންޖެހޭ ވާހަކަތައް ނަންގަވާފައި އޮއްވައި ޝަރީއަތް ނިންމާލިކަން އިއުލާން ކުރެއްވީ. ފުރަތަމަ ފާހަގަކުރީ އިޖުރާއި ގޮތުން ފާހަގަކުރަންޖެހޭ ކަންކަން. ނަމަވެސް މައްސަލައާއި ގުޅޭގޮތުން ކަމެއް ފާހަގަކުރާކަށް ފުރުސަތެއް ނުލިބުނު.'' ޝިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ހޯދުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން ހުރިހާ ގަލެއް ފުރޮޅާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެދައުވާގެ ޝަރީޢަތް މިހާރު ނިމިފައިވާއިރު ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން މިމަހުގެ 28 ގައި އޮންނާނެކަން މިއަދުގެ އަޑުއެހުމުގައި ވަނީ އިއުލާން ކުރައްވާފައެވެ.

މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. 

Advertisement

ކޮމެންޓް