ގާޒީ އަލީ ރަޝީދު އާރަށަށް ގެންގޮސްގެން ހުކުމް ލިޔުނުކަމުގެ މައުލޫމާތު ލިބޭ: އިދިކޮޅު

21 Nov 2019 | 15:20

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަ ބައްލަވައި، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު، އާރަށަށް ގެންގޮސްގެން ހުކުމް ލިޔުނުކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު  ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތަކެއް ގާޒީ އަލީ ރަޝީދު ރާއްޖެ ޓީވީއަށް ދެއްވިކަމަށް ބުނާ މައްސަލަ ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ގާޒީ އަލީ ރަޝީދު އާރަށަށް ގެންގޮސް ރައީސް ޔާމީންގެ މައްސަލައިގެ  ހުކުމް ލިޔުއްވި ކަމަށެވެ.

''އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި އަލީ ރަޝީދު އާރަށަށް ގެންގޮސްގެން އާރަށުގައި މައްސަލައިގެ ހުކުމް ލިޔުނު ކަމަށް. މިހާވަރަކަށް ނޫންތޯ ޝަރީއަތަކަށް ނުފޫޒު ފޯރުވެވޭނީ. އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކަމެއް މިއީ.'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލީ ރަޝީދު މިހާރު ވަނީ ގާޒީ ކަންކުރުމުގެ ހައިސިއްޔަތު ގެއްލިފައެވެ. އޭނާ ވިދާޅުވީ ހިނގަމުންދާ މައްސަލައަކާއި ގުޅޭ މައުލޫމާތު ވަކި މީޑިއާއަކަށް އަލީ ރަޝީދު ދެއްވި ކަމަށާއި އެކަމަށް އަލީ ރަޝީދު މިއަދުގެ އަޑުއެހުމުގައި އިއުތިރާފު ވެފައިވާކަމަށެވެ.

''ހައިލަމް ނެރުއްވި ބަޔާނާ ގުޅިގެން ރާއްޖެ ޓީވީން އަލީ ރަޝީދާ ސުވާލުކުރުމުން ރައީސް ޔާމީންގެ މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދެެކެވުނުކަން މިއަދުގެ އަޑުއެހުމުގައި އެއޮތީ ވިދާޅުވެވިފައި. އަލީ ރަޝީދު ހަމަހޭގަތޯ އޭރުހުންނެވީ. ސުވާލު ކުރީމަ ކީއްވެތޯ ވިދާޅުވީ ތިމަންނައަކީ ފަނޑިޔާރެކޭ ތިސުވާލަށް ޖަވާބުދެވޭކަށް ނެތޭ.'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަނޑީޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާއާއި އަލީ ރަޝީދު ވަރަށްބޮޑަށް ހިލާފުވެފައިވާކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ގާޒީ އަލީ ރަޝީދަކީ ބަހާއި އަމަލުންވެސް ރައީސް ޔާމީނާއި ޒާތީ ވެފައިވާ ބޭފުޅެއް ކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ އަނިޔާވެރިންނަށް އަދި ދުވަހެއް އަންނާނެކަން ހަނދާންކޮށްދެމުން އެދުވަހާއި ބައްދަލުވާންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement