ރައީސް ނަޝީދު އިންނެވި އުޅަނދެއް ގޮއްވާލަން އަދީބު ރޭއްވެވިކަމުގެ ތުހުމަތު!

17 Nov 2019 | 21:30

2013ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އުޅަނދެއް ގޮއްވާލަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅިގެން މަރުތަކާއި ބެހޭ ކޮމިޝަނަށް ދެއްވި ބަޔާނެއްގައެވެ.

މިއަދު އާންމުކޮށްފައިވާ މި މައްސަލައިގެ ތަހުގީގީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަރި ޖާވިދާއި އަދީބާއި ދެމެދު ރައީސް ނަޝީދަށް 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެގޮތް ހެދުމަށްވަނީ މަޝްވަރާކުރެވިފައެވެ. އަދި ރައީސް ނަޝީދުގެ ކެނޑިޑެސީ ބާތިލްކުރުމާއި މެދުވެސް ވާހަކަ ދެކެވުނުކަމަށް ވަނީ ބުނެފައެވެ.

ނާޒިމްގެ ބަޔާނުގައި ވިދާޅުވީ މިކަމުގެ ތެރޭގައި އަދީބު ބޮންހަދާ ހިސާބަށްވެސް ދިޔަކަމަށް ވަނީ ބުނެފައެވެ. މިގޮތުން ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގައި ބޮމެއް ގޮއްވާލަން އުޅުނުކަން އެނގިގެން އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެކަން ފުލުހުންނަށްވެސް އެންގިކަމަށް ވަނީ ބުނެފައެވެ.

އަދި އެފަދަ ނުރައްކަލެއް އޮތްކަން ކާނަލް ނާޒިމްގެ ފަރާތުންވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންގިކަމަށް ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement