ފްލޫ ރޯގާއަށް ހޮސްޕިޓަލުން ބޭސް ލިބޭނެ: އެޗްޕީއޭ

19 Nov 2019 | 19:47

މިދުވަސްވަރު ފެތުރެމުންދާ އިންފުލުއެންޒާ އަށް ހޮސްޕިޓަލުތަކުން ބޭސް ލިބެން ހުންނާނެ ކަމަށް ހެލްތު ޕްރޮޓެކްޓިވް އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުންނާއި އެޗްޕީއޭ އިން އިންފްލުއެންޒާ އަށް ބޭސް ލިބެން ހުންނާނެ ކަމަށެވެ. ނަމަވެސް ބޭސް ދޫކުރާނީ ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމަށްފަހު ބޭސް ކެއުމަށް އެމީހާގެ ސިއްހީ ހާލަތު ތަންދޭ ނަމައެވެ.

އެގޮތުން ފުލޫ ރޯގާޖެހިފައި ހުރި ނަމަވެސް މާބަނޑު މީހުންނާއި ކިޑްނީގެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އިތުރުން ހިތުގެ ބަލިތައް ފަދަ ބަލިތަކަށް ބޭސް ކާ މީހުންނަށް ''ޓެމިފްލޫ'' ފަދަ ބާރުގަދަ ބޭހެއް ޑޮކްޓަރުން ދޫނުކުރާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާމަސީތަކުން ފުލޫ ރޯގާއަށް ބޭހެއް ނުލިބޭނެއެވެ. އަދި އެއްވެސް ތަނެއްގައި ބޭސް ވިއްކަން ނުހުންނާނެކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އިންފްލޫއެންޒާ ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.

އެގޮތުން މި ދުވަސްވަރަކީ އިންފުލުއެންޒާ އިތުރުވާ ދުވަސްކޮޅަކަށްވެފައި، ރާއްޖެއަށް ކުރާ ވިއްސާރައިގެ ސަބަބުން ޑެންގީ ހުމާއާއި އެހެނިހެން ބަލިތައް ފެތުރިގެން ދާތީވެ އެކަންކަމަށް ހާއްސަ ސަމާލުކަމެއްދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.

ޑެންގޫފަދަ ބަލިތަކުން ރައްކާތެރިވުމަށް މަދިިރި އާލާވާ ތަންތަން ނައްތާލައި މަދިރި ލޯޝަން ބޭނުން ކުރެއްވުމަށް ފާހަގަކޮށްފައި ވެއެވެ. އަދި ފާނަބަސަންދު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް