ބަރުލަމާނީ ނިޒާމު ގެންނަ ވާހަކަ ކުޑަ ދަށުގައި އެބަ ދައްކާ، މިއީ ގޯހެއް: ގާސިމު

20 Nov 2019 | 12:04

ވެރިކަމުގެ ނިޒާމު ފުރޮޅާލައި، ބަރުލަމާނީ ނިޒާމެއް ގެންނަ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ކުޑަ ދަށުގައި ދައްކަމުންދާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުން ސޮއިކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ގާސިމު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެނައުމުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ދަށްވެ ރައީސުލްޖުމްހޫރިއްޔާއަކީ ރަމްޒީ މަގާމަކަށް ވާނެ ކަމަށެވެ. އޭރުން ހުރިހާ ބާރުތަކެއް ލިބޭނީ ބޮޑުވަޒީރަށް ކަމަށް ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ މީގެކުރިން ރާއްޖޭގެ ރައްޔިތުން ބަރުލަމާނީ ނިޒާމުގައި ކަންހިނގައިދިޔަ ގޮތް ތަޖުރިބާކޮށްފި ކަމަށެވެ. އެގޮތުން އިބްރާހީމް ނާސިރުގެ ވެރިކަމުގައި ބޮޑުވަޒީރަކު އައްޔަންކޮށްގެން ގާސިމް ވިދާޅުވި ގޮތުގައި، އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގައި ބޮޑުވަޒީރު އައްޔަން ކޮށްގެން އޭގެ ހިތި ނަތީޖާ ދިވެހިންނަށް ވަނީ ފެނިފަ އެވެ.

ބަރުލަމާނީ އަށް ދާއިރު، ރައްޔިތުންގެ އަތުން ހުރިހާ ބާރެއް ގެއްލޭނެ ކަމަށާއި ކެބިނެޓްގައިވެސް ތިބެންޖެހޭނީ މަޖިލިސް މެންބަރުން ކަމަށް ގާސިމު ވިދާޅުވިއެވެ.

''ކެބިނެޓަށް ވެސް އޭރުން ނުލެވޭނެ މަޖިލިސް މެމްބަރެއް ނޫނީ. އެ ހިސާބުން ކޮކްޓެއިލް އަކަށް އެވީ. ދެން ބައެއް މީހުންނަށް ހީވަނީ ކަންނޭނގެ މިހާރު މަޖިލީހުގެ 65 ގޮނޑި ލިބިގެން ދިޔައިމަ ތިމަންނާމެންނަށް ދެން ހުރިހާ ކަމެއްވެސް ވާނޭ. އެ މަންޒަރު ކަންނޭނގޭ މި ފެންނަނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅައިލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ ކުރަން ހެޔޮވެސް ނުވާވަރުގެ ކަމެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅައިލަން އެންމެ ބޮޑަށް ތާއީދުކުރައްވައި އަބަދުވެސް ވަހަކަފުޅުދައްކަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް