Advertisement

ސަލަފު ރަޖިސްޓްރީކޮށްދިން ކަމަށް ވިދާޅުވެ ނަޝީދު މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި

20 Nov 2019 | 14:32

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދީނީ ޖަމުއިއްޔާއެއް ކަމަށްވައި، ''ޖަމުއިއްޔަތުއް ސަލަފު'' ރަޖިސްޓްރީކޮށްދެއްވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީސް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަރުކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓާއި ގުޅިގެން ސަލަފު ޖަމުއިއްޔާއަކީ ޓެރަރިޒަމަށް ވާގިދޭ ޖަމުއިއްޔާއެއްކަން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ފާހަގަކޮށްފައިވާކަމަށެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނި ދިނީ އިލްމުވެރިންގެ އަނގަމަތީ ޓޭޕް އަޅަން ކަމަށެވެ. އެކަން ވަގުތުން ހުއްޓައިލުމަށް ޝިޔާމު ގޮވައިލެއްވިއެވެ.

ޝިޔާމު އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ، ސަލަފް ޖަމާއަތް ރަޖިސްޓްރީ ކޮށް، އެ ޖަމާއަތަށް ހިންގުމުގެ ހުއްދަ ދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. ސަލަފް ޖަމާއަތް ރަޖިސްޓްރީ ކޮށްދިނީ އެކަން ނުކުރުމަށް ރާއްޖޭގެ ދޮށީ އުމުރުގެ ވަރަށް ގިނަ ބަޔަކު ސިޓީއަކުން އެމަނިކުފާނަށް ދަންނަވާފައި ވަނިކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު ނަޝީދު ވެރިކަމަށް ވަޑައިގަތީ 2008 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ. ސަލަފު ޖަމުއިއްޔާ ރަޖިސްޓްރީ ކުރީ ރައީސް މައުމޫންގެ ވެރިކަމުގައި 12 މާޗް 2006 ގައެވެ. ޖަމުއިއްޔާ އުފެއްދި އިރު ރަޖިސްޓްރާ އަކީ މޫސާ ނިޒާރު އިބްރާހީމެވެ.


Advertisement

ކޮމެންޓް