ފިޔަވަޅު އަޅަންވީ އެމްޑީއެން އަށާއި ނަޝީދަށް: ސަލަފުގެ ރައީސް

27 Nov 2019 | 05:36

ސަރުކާރުން ފިޔަވަޅު އަޅާނަމަ އަޅަންޖެހޭނީ ރައްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތް ކުރާ އެމްޑީއެން އާއި އެޖަމާއަތުން ހިންގާ ހަރަކާތް ދިފާޢު ކުރައްވަމުން ގެންދަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް، ސަލަފު ޖަމުއިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ ޓެރަރިޒަމަށް ވާގިދޭ ކަމަށް ތުހުމަތުކޮށް، ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އެޅުމުގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް މިއަދު އޮތް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. 

މިއަދާއި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ ސަލަފު ޖަމުއިއްޔާ އުވާލުމަށް ގޮވައިލައްވައިފައެެވެ.

ސަލަފު ޖަމުއިއްޔާ އަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފެށިކަން މަޖިލީހުގެ ރައީސް ހާމަކުރައްވާފައި ވަނިކޮށް، ސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނީ ވެރިކަމެއް ކުރާނަމަ، ޖަމުއިއްޔަތުއް ސަލަފަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނީ އިސްލާމް ދީން ރާއްޖެއިން ނައްތާލުމަށް ފަރުމާކޮށްގެން ރިޕޯޓު ނެރުނު އެމްޑީއެން އާއި އެހަރަކާތް ދިފާއު ކުރަމުންދާ މުހައްމަދު ނަޝީދަށް ކަމަށެވެ.



Advertisement

ކޮމެންޓް