ސަލަފުގެ ހަރަކާތްތައް ހުއްޓުވަން އުޅެނީ ލާދީނީ އެމްޑީއެންގެ ފިކުރަށް ޖާގަދޭން: ސަލަފު

21 Nov 2019 | 12:55

ދީނީ އިލްމުވެރިން އުފައްދާފައިވާ ޖަމުއިއްޔަތުއް ސަލަފުގެ ހަރަކާތްތައް ހުއްޓުވަން އުޅެނީ ލާދީނީ އެމްޑީއެން ގެ ސަކިޔުލާ ފިކުރަށް ރާއްޖޭގައި ޖާގަ ދިނުމަށް ކަމަށް ސަލަފު ޖަމުއިއްޔާއިން ބުނެފިއެވެ.

ސަލަފުން މިހެން ބުނެފައިވަނީ ޑރ. އަފްރާޝީމު އަލީގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ސަލަފާއި ދީނީ ބައެއް އިލްމުވެރިންގެ ނަންތައް ފާހަގަކޮށް، ނެރުނު ބަޔާން ކުށްވެރިކޮށް، ސަލަފުން މިއަދު ނެރުނު ނޫސް ބަޔާނުގައެވެ.

ބަޔާނުގައި ބުނީ، އެފަދަ ނުރައްކާތެރި މައްސަލައެއްގެ ރިޕޯޓުގައި ހީލަތްތެރި ގޮތަކަށް ޖަމްއިއްޔަތުއްސަލަފާއި ސަލަފުގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމުގެ ބޭނުމަކީ ރާއްޖޭގައި ބަޔަކު ކުރިއަރުވައި ހިންގަންބޭނުންވާ ސެކިޔުލާ ، ލާދީނީ އެމް.ޑީ.އެން ފަދަ ޖަމްޢިއްޔާތަކާއި އެ ޖަމްޢިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ޖަމްޢިއްޔަތުއް ސަލަފުކަމުގައި އެބަޔަކު ޤަބޫލުކުރާ ކަމަށެވެ.

އެހެންކަމުން ޖަމްޢިއްޔަތުއްސަލަފުގެ ޙަރަކާތްތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޖަމްޢިއްޔާއިން ފޯރުކޮށްދެމުންދާ ދީނީ ހިދުމަތުން ރައްޔިތުން މަހުރޫމްކުރުމަށް ދުރާލާ ރާވަމުންދިޔަ ރޭވުމަށް ޖާގަހެދުމުގެ ގޮތުން ޖަމްޢިއްޔާއާއި ޢިލްމުވެރިންގެ އަގުވައްޓާލައި، ޖަމްއިއްޔާއިން ދެމުންގެންދާ އިޖްތިމާއި އަދި މަދަނީ ހިދުމަތަށް ހުރަސްއެޅުމުގެ ހީލަތްތެރި ހަމަލާއެއްކަމަށް ބަޔާނުގައި ވެއެވެ.

މިއީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ލާދީނީ ހަރަކާތްތަކަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ވައުދުފުއްދުމެއްކަމުގައި ވެސް ސިފަކުރާ ކަމަށް ބަޔާނުގައި ވެއެވެ.

''ރާއްޖޭގެ އެތެރެއާއި ބޭރުގެ ލާދީނީ ޖަމާއައްތަކަށް ވެފައިވާ ވައުދު ފުއްދުމުގެ ގޮތުންނާއި، ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރާކަން ދަށްކައި، ޓެރަރިޒަމް ހުއްޓުވުމުގެނަމުގައި ބޭރުގެ ލާދީނީ ސަރުކާރުތަކާއި ޖަމާއަތްތަކުން، ބޮޑު އަދަދުތަކުން ގެންނަ ފައިސާ ދޮވެ ހަލާލުކުރުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ޙަރަކާތްތައް ހުއްޓުވަން ރޭވުމަކުން، އެ ފަރާތްތަކުން ރާއްޖޭގައި ހިންގަން ބޭނުންވާ ލާދީނީ ޖަމްޢިއްޔާ ޖަމާޢަތްކަށް އެފުރުސަތު، ދިވެހި ރައްޔިތުން ދޭނެކަމަށް އެއްވެސް މީހަކު ހީކުރާނަމަ އެއީ ކުށްހީއެކެވެ.'' ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ހުރި ލޯބީގެ ސަބަބުން، ދިވެހި ރައްޔިތުން ތިބީ މިފަދަ ލާދީނީ ހަރަކާތްތަކަށް ފާރަވެރިވެގެންކަން ކޮންމެ މީހަކުވެސް ދަންނަން ޖެހޭނެ ކަމަށެވެ.

ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުކަށް ބާރުދީފައި ނުވާކަން ފާހަގަވާން ހުއްޓައިވެސް، ދީނީ އަދި އިޖުތިމާއީގޮތުން ރައްޔިތުންނަށް އެ ޖަމްއިއްޔާއިން ދެމުންދާ ހިދުމަތާމެދު ނަފުރަތު އުފެއްދުމަށް، ސިޔާސީ ބޭނުމެއްގައި، ބަރުގަދަ ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ .

ބަޔާނުގައި ބުނެފައިވަނީ، ޑރ. އަފްރާޝީމް އަލީގެ މަރާ ސަލަފާ އެއްވެސް ގުޅުމެއް ވާކަމަށް މަރުކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ނެތަސް، މާތް ﷲ މަތިވެރިކުރެއްވި ފުރާނައެއްގެ މަރާގުޅުންހުރި ރިޕޯޓެއްގައި ސަލަފްގެ ނަން ހިމަނައި، އާންމުކުރުމުގެ ފަހަތުގައިވަނީ ޒަމާނުއްސުރެ ސަލަފާމެދު ބައެއް ސިޔާސީ ބޭފުޅުންގެ ހިއްޕުޅުގައިވާ ނަފްރަތުކަމުގައި އެޖަމުއިއްޔާ އިން ދެކޭ ކަމަށެވެ.

މަރުކޮމިޝަނުގެ އިހުލަސްތެރިކަމާމެދު ސުވާލު އުފައްދައި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ ފަހަތުގައިވާކަމަށް މަރުކޮމިޝަނުން ތުހުމަތުކޮށްފައިވާ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންނަކީ ރާއްޖޭގެ އިލްމުވެރިންގެ ލަފާގެ ދަށުން މަސައްކަތް ކުރާބައެއް ނޫންކަމަށެވެ.

ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުމަށާއި، ރާއްޖޭގެ އިސްލާމީ ވެށި، ސެކިއުލާ ފިކުރުތަކުން ރައްކާތެރިކުރުމަށް ރާއްޖޭގެ ރައްޔިތުންނާއި، އިލްމުވެރިންނާއި، މަދަނީ ޖަމްއިއްޔާތަކުން ކުރައްވަމުން ގެންދަވާ ބުރަމަސައްކަތަށް ހިއްވަރު ދިނުމުގެ ބަދަލުގައި، މިގޮތުން ކުރެވޭ މަސައްކަތުގެ އަގުވައްޓާލައި، އެކަންކަމަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރެއްވުމަށް މަރުކޮމިޝަން އަށާއި، ރައްޔިތުން މަޖްލީހަށާއި ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި، ކަމާބެހޭ އެންމެހާ ފަރާތްތަކަށް ސަލަފުން އިލްތިމާސްކޮށްފައި ވެއެެވެ.

Advertisement

ކޮމެންޓް