ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމާއި ގުޅޭގޮތުން އިލްމުވެރިންގެ ސިޓީއެއް ރައީސަށް!

25 Nov 2019 | 00:04

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާ މީހުންގެ ޝަރުތުތައް ބަޔާންކޮށް، ދީނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އިލްމުވެރިންގެ ފަރާތުން ރައިސް ސޯލިހަށް މިއަދު ފޮނުވި ސިޓީގައިވަނީ، މުސްލިމުންގެ ވެރިންގެ ފަރާތުން މުސްލިމުންގެ މެދުގައާއި އެމީހުންނާއެކު ދިރިއުޅޭ އެންމެހާ ފަރަތްތަކުގެ މެދުގައި އަދުލުވެރިކަން ގާއިމުކޮށް ރއްކާތެރިކޮށްދިނުމަށް އައްޔަންކުރެވޭ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އެމީޙުންގެ ގާބިލުކަމާ ގުޅޭގޮތުން އިސްލާމީ އުންމަތުގެ ވެރިން ބޮޑެތި ދިރާސާތައް ކުރައްވާފައިވާކަމަށެވެ. ޝަރުއީ ކަންކަމުން އެކަންކަމަށް ހެކިދޭ އުސޫލުތަކާއި ހަމަތައް އެކި ސިފަ ސިފައިގައި މުސްލިމުންނަށް ފޯރުކޮށްދެއްވާފައިވާ ކަމަށް ސިޓީގައި ވެއެވެ.

ތިން ސޮފުހާގެ އެސިޓީގައި ބުނެފައިވަނީ އިސްލާމީ ވެރިކަމެއްގައި މުސްލިމުންގެ މެދުގައި ނިޔާކަނޑައަޅަން ތިއްބަވާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް އިލްމުވެރިން ކަނޑައަޅުއްވާފައިވާކަމަށެވެ.

އެގޮތުން މުސްލިމަކަށްވުމާއި ފުރާފުރިހަމަވެފައިވާ ބުއްދި ސަލާމަތުން ހުރި މިނިވަން މީހަކު ކަމުގައިވުމާއި ހިއްސުތައް ސަލާމަތުންހުރި މީހަކަށްވުމާއި ފިރިހެނުންނަށް ވުމާއި އަދުލުވެރިންނަށްވުމާއި އިޖުތިހާދު ކުރެވޭވަރުގެ މީހަކަށް ވުން، އިލްމުވެރިން ޝަރުތުކުރައްވާފައިވާކަމަށް ސިޓީގައި ވެއެވެ.

ސިޓީގައިވާ ގޮތުން އިޖުތިހާދުކުރެވޭ މީހަކަށްވުމަށް ބަލާއިރު، އެފަދަ މީހަކަށްވުމަށްޓަކައި ކީރިތި ގުރުއާނާއި ނަބަވީ ސުންނަތުގެ އިލުމު އުނގެނިފައިވުމާއި އުންމަތުގެ އިލްމުވެރިން އެކަންކަމާމެދު އިޖުމާޢުވެވަޑައިގެންފައިވާ މައްސަލަތަކާއި ޤިސޯސް ކުރުމާއި ގުޅޭ ހުކުމްތައް ރަގަޅަށް އެނގޭފެންވަރުގެ މީހަކަށްވުމާއި ކަންކަމާ މެދު ސަހާބީންގެ ބަސްފުޅުތައް އެނގޭ މީހަކަށްވުމާއި އެހުރިހާ ކަމެއްގެ އަސްލުތައް އައިސްފައިވާ ބަސް ކަމަށްވައި އަރަބި ބަސް ވަރަށް ރަގަޅަށް ދަންނަ މީހަކަށް ވުން ފަދަ ކަންކަމީ އިޖުތިހާދުކުރެވޭ ފަދަ މީހަކަށްވުމުގައި އިލްމުވެރިން ޝަރުތުކުރައްވާ ކަންކަމެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އެއްވެސް ފަރާތެއް ހަމަޖެއްސާއިރު، އެފަރާތަކީ އުދުލު އިންސާފުގެ ދާއިރާގެ މަތީ ކޯޓުތަކުގައި އުޅެ، ގިނަ ތަޖުރިބާގެ ޒަރިއްޔައިން ހަރުދަނާވެފައިވާ ޝަޚުސިއްޔަތަކަށްވުން މުހިންމުކަމުގައި އެއްވެސް ހިކުމަތްތެރިޔަކު ދެބަސް ނުވާނެ ކަމަށްވެސް އެސިޓީގައި ވިދާޅުވިއެވެ.

ޝަރުއީ ހަމަތަކަށް ބަލާއިރު ފަނޑިޔާރުންނަކީ ވަލިއްޔުލްއަމްރުގެ އިސްތަށިފުޅުގައި އެޅިފައި އޮންނަ އަދުލު އިންސާފު ގާއިމުކޮށްދީ، ނިޔާ ކަނޑައެޅުމުގެ ޒިންމާ ވަލިއްޔުލްއަމްރުގެ ފަރާތުން ގައިމުކޮށްދިނުމަށް ހަވާލުކުރެވޭ ފަރާތްކަމަށެވެ.

''ވީމާ މަނިކުފާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަނޑިޔާރުން އައްޔަންކުރެއްވުމުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި މަނިކުފާނު އެކަންކުރައްވާފައިވަނީ އިހުލަސްތެރިކަމާއި އެކު ހެޔޮނިޔަތުގައިކަން ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ހުއްޖަތް ގާއިމްކުރެއްވޭނެ ގޮތަށް ކަންކަން ކުރެއްވުމަކީ މުހިންމު ކަމެކެވެ.'' އިލްމުވެރިން ވިދާޅުވިއެވެ.

އަދި އިސްލާމްދީނުގެ އުސޫލުތައް ޤާއިމްކުރެއްވުމުގައި ރައީސް ސޯލިހު ދެމިހުންނެވިހާ ހިނދަކު، އިލްމުވެރިން ވަނީ އެމަނިކުފާނާއެކުގައި ތިއްބެވިކަމުގެ ޔަޤީންކަން އަރުވާފައެވެ.

''މާތްﷲގެ މަގަށް ވާގިވެރިވާ ކޮންމެ ފަރާތަކަށް ﷲ ވާގިވެރިވެވޮޑިގަންނަވާނެއެވެ. އެފަދަ ފަރާތަކަށް އެހެން އެއްވެސް ފަރާތަކުން ވާތްގެއް މަދަދެއް ނުދިނަސް، ﷲގެ ނަސްރު އެމީހަކަށް ހައްޤުވެއްޖެ މީހަކު ނިކަމެތިވެގެން ނުދާނެއެވެ." އިލްމުވެރިން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް