ދީބާޖާއަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް ރައީސް ނިންމަވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅު ތެރޭގައި ފެރީގެ ނިޒާމް ހިންގުމަށް ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އެކުވެފައިވާ އެއްބަސްވުން 2013ވަނަ އަހަރު އުވާލި މައްސަލައިގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދޭންޖެހޭ ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
ދީބާޖާއާއިއެކު ވެފައިވާ އެއްބަސްވުން ދައުލަތުން އުވާލާފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅައި، އެކުންފުންޏަށް 348 ބިލިޔަން ރުފިޔާ ދޭން ވަނީ ހުކުމްކޮށްފައެވެ.
މި ހުކުމް ހައިކޯޓުން ބާތިލްކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި އެކުންފުންޏަށް ފައިސާތައް ދޭންޖެހޭނެކަމަށް ނިންމާފައެވެ.
ނަމަވެސް އެ ހުކުމާއި ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، އެކުންފުންޏަށް ބަދަލެއްގެ ގޮތުގައި 174 މިލިޔަން ރުފިޔާދޭން ސެޓްލްމަންޓް ކޮމެޓީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވާފައެވެ.
އެ ފައިސާ ދޫކުރާނެ އުސޫލެއް ސަރުކާރުން އަދި ނިންމާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ. މި ފައިސާތައް ދީބާޖާއަށް ދޭން ނިންމިއިރު، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists