ބޮޑުވަޒީރުކަމުގެ ނައިބުގެ މަގާމު ބޭނުންވާކަމަށް ޖާބިރު ވިދާޅުވެއްޖެ

26 Nov 2019 | 11:40

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަމުގައި ހުންނަވާ ސަރުކާރެއްގައި ބޮޑުވަޒީރުގެ ނައިބުގެ މަގާމު ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރްޕީގެ ލީޑަރުކަންވެސް އަދާކުރައްވާ ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ބޭނުންފުޅުވާ ހަމައެކަނި ކަމަކީ ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމުކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"މަނިކުފާނު ޕްރައިމް މިނިސްޓަރަކަށް އައީމަ، އަޅުގަނޑު ބޭނުންވޭ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން. އެއީ އަޅުގަނޑުގެ ކޮންޑިޝަނަކީ، ކޯލިޝަނެއް މިވަގުތު ނެތް. ޤާނޫނު އަސާސީގައި ނެތް ކޯލިޝަން އޮންނަން ޖެހޭ ވާހަކައެއް." ޖާބިރު ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އޭނާ ބޭނުންފުޅުވަނީ ރާއްޖޭގައި ރައްކާތެރި، ޚަރަދުކުޑަ ސަރުކާރެއް އެކުލަވާލުމުގެ މަޤްސަދުގައި ކަމަށެވެ.

Advertisement

ކޮމެންޓް