ސަލަފް ޖަމްއިއްޔާއަށް ފިޔަވަޅު އަޅަން މަޖިލީހުން ފާސްކޮށްފި

26 Nov 2019 | 16:54

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުތަކާއި ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ހިމެނޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އެ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމަށެވެ. އެ ރިޕޯޓްގައި ޖަމްެއިއްޔަތުލް ސަލަފާއި، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ ފަރާތްތަަކަށް ފިޔަވަޅު އެޅުމަށް ވަނީ އެދިފައެވެ.

އަދި އެ މައްސަލައިގައި ޖިނާއީ ކުށްތައް ކުރި އެހެނިހެން ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ. 

މި ރިޕޯޓް ފާސްކޮށްފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މި ރިޕޯޓްގައިވާ ގޮތުގައި ޑރ.އަފްރާޝީމްގެ މަރާއި ގުޅޭގޮތުން ހިންގާފައިވާ އެކި ކަންކަމުގައި ޝާމިލްވާ ހައްދު ފަހަނައަޅާފައިވާ ފިކުރުތަކުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އަދި ދިވެހިރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ފިކުރުތައް ކުރިއަރުވާ ހިންގަން މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ވާކަން މަރުތަކާއި ބެހޭ ރިޕޯޓްގައި ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް އެ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ އަދަދާއި އެ ޖަމާއަތްތަކުގައިވާ ސެލްތަކުގެ މީހުންގެ އަދަދުތައް ރިޕޯޓްގައި ހިމަނާފައިނުވާކަން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ ބުނެފައެވެ.

މި ރިޕޯޓްގައި ވަނީ 2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ސަލަފް ޖަމްއިއްޔާގެ ޚަރަދު ހިނގާފައިވާ ގޮތުގައި އަހަރީ ހިސާބުތައް އެނގޭނެ ރިޕޯޓެއް ސަރުކާާރުގެ ކަމާއިބެހޭ އިދާާރާއިން އެ ކޮމެޓީއަށް ހުށައެޅުމަށް އެދިފައެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަރުކަށި ފިކުރުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފެންނަކަމަށް ވަނީ ބުނެފައެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ހިމަނާފައިވާ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކާއި ޖަމްއިއްޔާތަކަކީ ޖަމްއިއްޔަތުލް ސަލަފް، މިހާރު އެކި ބައިތަކަށް ބެހިފައިވާ ރާއްޖޭގައި ހިންގާ އަލްގައިދާގެ ޖަމާއަތް، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ޖަމާއަތް އަދި ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތެވެ.

Advertisement

ކޮމެންޓް