އެމްޑީޕީއަށް ރަގަޅު ކޮންމެ ގޮތަކީ އިންސާފު: ޑރ. މުއިއްޒު

26 Nov 2019 | 17:00

އެމްޑީޕީއަށް ރަގަޅު ގޮތަކަށް ނިންމާ ކޮންމެ ނިންމުމަކީ އިންސާފު ގާއިމުކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ގުޅޭ ގޮތުން ޗެނަލް ތާޓީންގެ ''ސިޔާސީ ދައުވާ ''ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިންސާފަށް ހުރަސްއެޅުމަށް އެމައްސަލަ ކުރިންބެއްލެވި ގާޒީ ހައިލަމް ބަދަލުކުރީ ސަރުކާރުގެ ޕްރެޝަރާ ހުރެ ކަމަށެވެ. ކޯޓުތަކާއި އިދާރާތަކަށް ހުށަހަޅައި މައްސަލަތަކުގެ ތެރޭގައި އެމްޑީޕީއަށް ނުވަތައެމްޑީޕީގެ އެކްޓިވިސްޓަކާ ދެކޮޅަށް މައްސަލައެއް ނިމިއްޖެނަމަ އެކަން ނިމިގެން ދިޔައީ ބޭއިންސާފުން ކަމަށް ނިންމާ ކަމަށެވެ.

އެހެން އެއްވެސް ރައްޔިތަކަށް އިންސާފު ލިބެން ނޭދޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް އިންސާފުލިބޭނެކަން ޔަގީންވުމުން ގާޒީ ބަދަލުކޮށް، އެމައްސަލަ ބަލަން ހަމަޖެއްސެވީ ޒާތީ ގޮތުން އެމަނިކުފާނަށް ޖެހިފައި ހުރި ގާޒީއަކަށް ކަމަށެވެ.

''މިއީ އެއްވެސް ހަމައެއް ނޫން. ތިމަންނަމެން ނޫނީ ތިމަންނަމެންނަށް ތާއީދުކުރާ ބަޔަކަށް ރަގަޅު ގޮތެއް ވުމުން ނޫނީ އެއީ އިންސާފަކަށް ނުވޭ. މިއީ އެއްވެސް ހަމައެއް އޮވެގެން ގެނެސްދޭ އިންސާފެއްނޫން.'' ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން މިމަހުގެ 28 ގައި ކުރިމިނަލް ކޯޓުގައިވަނީ ތާވަލްކޮށްފައެވެ.

Advertisement

ކޮމެންޓް