ބަޑިޖެހި މައްސަލައިގައި ލަންކާގެ ކުރީގެ މިނިސްޓަރ ހައްޔަރުކޮށްފި

29 Oct 2018 | 19:57

 ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

އިއްޔެގެ ވަގުތެއްގައި ސްރީލަންކާގެ ތެލާއި ބެހޭ މައި ކުންފުނި ކަމަށްވާ ސިޕެޓްކޯގެ އޮފީހުގެ ތެރެއަށް އެއްވެ ތިބި ބަޔަކާއި މިނިސްޓަރަކާއި މެދު ހަމަނުޖެހުންތަކެއް ހިިނގައި، ބަޑިޖެހި ހާދިސާއާއި ގުޅިގެން ކުރީގެ މިނިސްޓަރ އަރްޖުން ރަނަތުންގަ ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކުރީގެ ތެލާއި ބެހޭ މިނިސްޓަރ އަރްޖުން ރަނަތުންގަ ވަނީ ގެނެވިފައެވެ. މި މައްސަލަ ތަހުގީގު ކުރަމުންދަނީ ލަންކާގެ ފުލުހުންގެ ކޮލަމްބޯ ކްރައިމްސް ޑިވިޝަންގެ ފަރާތުންނެވެ.

އިއްޔެގެ ހަމަނުޖެހުން ހިނގާފައިވަނީ މިނިސްޓަރ އަރްޖުން ރަނަތުންގަ އޭނާ މަސައްކަތްކުރާ ސިލޯނު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފީހަށް ވަންނަން ދިމާކުރުމުންނެވެ. މީޑިޔާތަކަށް މައުލޫމާތު ދެމުން އަރްޖުން ބުނީ އޭނާ އެ އޮފީހަށް ވަނީ އޭނާގެ އަމިއްލަ ބައެއް ތަކެތި އެ އޮފީހުން ނެރުމަަށް ކަމަށެވެ.

އަރްޖުން، އެ އޮފީހަށް ވަންނަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާގެ ބޮޑީގާޑުން އަރްޖުންގެ ހަށިރައްކަލަށްޓަކައި އިންޒާރު ދިނުމުގެ ގޮތުން އެތަނަށް އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖެހިކަމަށް މީޑިޔާތަކުން ބުނެއެވެ. މި ހާދިސާގައި މަރުވި ފަރާތް، މަރުވީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވެމުންދަނިކޮށެވެ. މި ހާދިސާގައި އިތުރު ދެމީހަކު ޒަޚަމްވިއެވެ. ރަނަތުންގަ އަކީ ސްރީލަންކާގެ ކުރީގެ ކްރިކެޓް ކެޕްޓަނެވެ. މި ހަމަލާއާއި ގުޅިގެން ރަނަތުންގަގެ ބޮޑީގާޑުވަނީ ހައްޔަރުކޮށްފައެވެ.

Advertisement

ކޮމެންޓް