ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭން ނިންމައިފި

21 Sep 2018 | 15:42

ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

"ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ވިލިމާލެ 2 ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޔާމީން ވިދާޅޔވެފައިވާ ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހި އަދި ވިލިމާލެ 2 ނިމުމުން ގެދޮރު ބޭނުންވާ ހުރިހާ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އޭރުން ބޭނުންވާ މީހަކަށް އެންމެ ގެއެއް ނުވަތަ ފްލެޓެއްގެ އިތުރުން ވެސް ގިނަ ތަންތަން ހޯދޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގައި ފްލެޓް ދިނުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިންނެވެ. މިހާތަނަށް ގާތްގަނޑަކަށް 18،000 މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅައިފައިވެ އެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް