Advertisement

ތިމަރަފުށި މުސްތަފާގެ އަބުރާ ބެހުނުކަމަށް ބުނެ ޗެނަލް13 ގެ މައްސަލަ ބްރޯޑްކޮމްއަށް

30 Oct 2018 | 08:11

އީސީން މިޖިލިސް ގޮނޑި ގެއްލުނުކަމަށް ނިންމާފައިވާ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޗެނަލް13 ގެ މައްސަލަ ބުރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރޭ އޭނާކޮށްފައިވާ ޓުވީޓެއްގައި ވަނީ ޗެނަލް13 އާއި ދެކޮޅަށް ފުރާފައިވާ ބްރޯޑްކޮމް ޝަކުވާ ހުށަހަޅާ ފޯމް ގެ ފޮޓޯ އޭނާގެ ޓުވިޓާގައި ހިއްސާ ކުރައްވާފައެވެ.

މުސްތަފާ ހުށަހަޅާފައިވާ މައްސަލައިގެ ތަފްސީލްގައި ވަނީ ޕީޕީއެމް އިން އިމްތިޒާމްކޮށް ބޭއްވި މުޒާހަރާ/އެއްވުން ޗެނަލް13 އިން ވަގުތުން ގެނެސް ދިންއިރު، އެކޮންޓެންޓްގައި މުސްތަފާގެ އަބުރު ގެއްލިގެންދާފަދަ ވާހަކަތައް ހިމެނޭކަމަށާއި އެހެންކަމުން އެ މައްސަލަ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ބަލައި ޗެނަލް13 ޖަވާބު ދާރީކޮށް ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވެއެވެ.

މިފޯމާއެކު ކުރެއްވި ޓުވީޓުގައި މުސްތަފާ ބުނެފައިވަނީ ބްރޯޑްކޮމަކީ ރައީސް ޔާމީން ރާއްޖެ ޓީވީ ޖޫރިމަނާ ކުރަން އުފެއްދި ތަނެއް ނޫންކަމަށާއި ޗެނަލް13 ވެސް ދެމިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރެވެންވާނެކަމަށް ގަބޫލު ކުރާކަމަށެވެ.

ޗެނަލް13 ވަނީ މިހަފްތާތެރޭ ކުންފުނީގެ މާލީ ހާލަތު ދަށްކަމަށް ބުނެ ގިނަ އަދަދަކަށް މުވަޒަފުން ކަނޑާލާފައިކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

މުސްތަފާއަކީ އިދިކޮޅު އިއްތިހާދަށް ނިސްބަތް ވާ ގުޅިފައިވާ އިއްތިހާދުން މިހާރު ވަނީ މަޖިލީހަށް އަބުރުގެ ޤާނޫނު އުވާލުމަށް ހުށަހަޅުއްވާފައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ފުރަތަމަ 100 ދުވަސް ތެރޭ އަބުރުގެ ގާނޫނޫ އުވާލުމަކީ އިންތިހާބީ ރައީސްގެ ވެސް ވައުދު ފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބުރުގެ ޤާނޫނު ސިފަކުރައްވާ ގޮތުގައި މިއީ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ހަދާފައިވާ ގާނޫނެކެވެ.

Advertisement

ކޮމެންޓް