އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް މުޢުތަސިމް އަދުނާންގެ ނަން ފޮނުވައިފި

29 Nov 2019 | 13:56

ހުސްވެފައިވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާާ އިބްރާހިމް ޞާލިހު ފޮނުއްވައިފިއެވެ.

އެމަގާމަށް އައްޔަންކުރުމަށް މުއުތަސިމްގެ ނަން ފޮނުއްވިކަން ރައީސް ޞާލިހު ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޞާލިހު ވިދާޅުވީ ‏އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަޙްމަދު މުޢުތަޞިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ޙުސްނުއްޞުއޫދާޢި މ.ވޭސައިޑް ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާނެކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީންވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން މިއަދުގެ ހަވީރު 4:00 އަށް ނަން ހުށައެޅުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ރައީސް ފޮނުއްވި ނަންފުޅުތަކާ އެކު އެމަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ޖޭއެސްސީއިން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާނެއެވެ.

Advertisement

ކޮމެންޓް