ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދިންކަމުގެ ތުހުމަތު!

01 Dec 2019 | 21:55

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑާގެ ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލައިގައި، ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ރިޝްވަތު ދިންކަމުގެ ތުހުމަތު، އިދިކޮޅު ކޯލިޝަނުން ކޮށްފިއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލު މެންބަރުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ކައުންސިލު މެންބަރު އަހުމަދު ނަރީޝް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ޝަރީއަތްކޮށް، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއިރު، ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންނަށް ގާސިމް އިބްރާހީމް ރިޝްވަތު ދިން ކަމަށެވެ.

ނަރީޝް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރުންނަށް ސަރުކާރާއި ހާއްސަކޮށް ގާސިމް އިބްރާހީމް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާކަމަށެވެ.

''އަޅުގަނޑުމެން ވަރަށްބޮޑަށް ތުހުމަތުކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް، މިމައްސަލައިގައި ވަކިގޮތަކަށް ހުކުމް ނެރެން. އެހެންވީމާ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށް، ދިވެހި ރައްޔިތުންނަށް އެކަން ސާފުކޮށްލަދޭންވެސް ބޭނުންވޭ.'' ނަރީޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ގާނޫނު އަސާސީގެ 54 ވަނަ މާއްދާއާއި ހިލާފަށް ލާއިންސާނީ އަދަބު ދީފައިވާ ކަމަށާއި އެގާނޫނުގެ ދަށުން ލިބިދޭ އިސްތިއުނާފުގެ ހައްގުވެސް މިހާރު ގެއްލިފައިވާ ކަމަށެވެ.

ނަރީޝް ވިދާޅުވީ ރައީސް ޔާމީނަކީ ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ފަސް އަހަރު ވަންދެން ވެރިކަން ކުރެއްވި ހަމައެކަނި ރައީސް ކަމަށާއި އެމަނިކުފާނަށް ގާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަން ވެސް ދެމުން ނުދާ ކަމަށެވެ.

ނަރީޝް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ހުންނަވަން ވާނީ ނިހާއީ ހުކުމެއްގައެވެ.

Advertisement

ކޮމެންޓް