މަންޓާ އެއާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސެލްފް ޗެކިންގ ތައާރަފްކުރަނީ

30 Nov 2019 | 18:22

މަންޓާ އެއާގެ ފަރާތުން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސެލްފް ޗެކިންގގެ ޚިދުމަތް ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.

މިކަން ވަނީ އެ އެއާލައިނުގެ ސީއީއޯ މުހައްމަދު ޚަލީލް ދާދިފަހުން ހާމަކުރައްވާފައެވެ.

މަންޓާގެ ފަރާތުން ކޫއްޑޫއަށް ދަތުރުތައް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުންނަށް ސެލްފް ޗެކިންގްގެ ހިދުމަތް ދޭން މިހާރު ތައްޔާރުވެފައިވާކަަމަށެވެ.

ސެލްފް ޗެކިންގެ ޚިދުމަތް ފެއްޓުމުން މަންޓާ ވެގެންދާނީ، ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމްކޮށް ހިދުމަތްދޭ ފުރަތަމަ އެއާލައިނަށްކަމަށް ޚަލީލް ވިދާޅުވިއެވެ.

އެ އެއަރލައިނުން ގއ.ކޫއްޑޫ ރީޖަނަލް އެއާޕޯޓަށް ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މާލެއާއި ކޫއްޑޫއާއި ދެމެދު ޝެޑިއުލް ދަތުރުތައް ޑިސެމްބަރ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މި ދަތުރުގެ ޓިކެޓްތައް މަންޓާ އެއާގެ ވެބްސައިޓުންނާއި ޕެސެންޖަރ ސާރވިސް އޭޖެންޓުން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

މަންޓާގެ ދަތުރުތައް ފެށިތާ އަހަރެއްވާން ކައިރިވެފައިވާއިރު، އެ އެއަރލައިނުން ބ.ދަރަަވަންދޫއާއި ދ.ކުޑަހުވަދޫއަށް ދަތުރުކުރެއެވެ. އަދި ދާދިފަހުން އެ އެއާލައިނުން ވަނީ ސީޕްލޭންގެ ދަތުރުތައްވެސް ފަށާފައެވެ.

Advertisement

ކޮމެންޓް