ރ. އަތޮޅު ހިމެނޭ ގޮތަށް ތިން އަތޮޅެއްގެ ފަތުރުވެރިކަން ތަރައްގީކުރަނީ

30 Nov 2019 | 23:51

ރ. އަތޮޅު ހިމެނޭގޮތަށް ތިން އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމުގެ މަޝްވަރާތައް ކުރުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ތިން އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނ، ރ އަތޮޅުގައި މަޝްވަރާތައް ކުރައްވައިފައެވެ.

މާދަމާގެ ނިޔަލަށް ކުރައްވާ މިދަތުރުގައި ނ. ރ. އަދި ޅ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރ. އަތޮޅާއި ނ. އަތޮޅުގެ ރިސޯޓްތަކުގެ އިސް ފަރާތްތަކާއި، ކައުންސިލްގެ އިސްފަރާތްތަކާއި، މި ދެ އަތޮޅުގެ މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސްކޮލާޝިޕް ރެސްޕޮންސިބިލިޓީ"ގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމަކީވެސް މި ބައްދަލުވުންތަކުގެ މަގުސަދެއްކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި މަޝްވަރާތަކުގެ ތެރެއިން ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އަަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަޝްވަރާވެސް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ޓުއަރިޒަމް ޒޯން ކަނޑައެޅުމާ ގުޅޭގޮތުންވެސް މައުލޫމާތު ދިނުން ކުރިއަށްދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

Advertisement

ކޮމެންޓް