Advertisement

ކަލަރ ރަންގެ ކުލަތަކުން އެންމެން ހެއްވާލައިފި

01 Dec 2019 | 00:11

އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އާންމު ފަރުދުންނަށް އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައިވެސް ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. މިގޮތުން އެކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ކަލަރ ރަންއަކީ ގިނަބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދައި، އެ ދުވުމަކަށް ގިނަބަޔަކު އިންތިޒާރުކުރާ ދުވުމެކެވެ.

މިއަހަރުގެ ކަލަރ ރަން މިއަދު ހަވީރު ބޭއްވިއިރުގައިވެސް ފެނިގެންދިޔައީ އުފާވެރި ކަމާއި ހިތްހަމަޖެހުމުގެ މާހައުލެކެވެ.

5000 އަށްވުރެ ގިނަ ދުވުންތެރިންނާާއި އެކު ކުރިއަށްގެންދިޔަ މި ދުވުމުގައި ވަނީ އެކި އުމުރުފުރައިގެ ގިނަ ފަރާތްތަކުން ބައިވެރިވެފައެވެ. ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ފޯރިގަދަ ހަރަކާތުގައި އާއިލާތަކާއި ރަހުމަތްތެރިން އެކުގައި ބައިވެރިވެ ހީސަމާސާ ކުރަމުންދިޔައިރު، އޭގެން ކޮންމެ ފަރާތަކަށް ފަސް ކިލޯމީޓަރުގެ މިދުވުމުގައި ހިމެނޭ ކަލަރ ސްޓޭޝަންތަކުންވަނީ ފޯރިގަދަ ކުލައިގެ ހަމަލާތަކެއް ދީފައެވެ.

މި ދުވުމުގެ އެންމެ ޚާއްސަ ކަމަކީ މި ދުވުމުގައި ހޮވާ ވަނަތަކެވެ. އެގޮތުން އެންމެ ރީތި ކޮސްޓިއުމާއި، އެންމެ ގިނަ ކުލަޖަހާ ފަރާތާއި އަދި އެންމެ ރީތި ސެލްފީ ނެގިފަރާތްވެސް ހިމެނެއެވެ.

އުރީދޫ ކަލަރ ރަން މިއަދު ބާއްވާފައިވަނީ ހަމައެކަނި ބައިވެރިންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި އެއްނޫނެވެ. އުރީދޫއިން ވަނީ މި ހަރަކާތުގެ ޗެރިޓީ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވި ޑެފް އެސޯސިއޭޝަނަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ހަދިޔާކޮށްފައެވެ.

މި ރަން މިއަދު ނިމިގެންދިޔައީ އެތައް ބަޔަކު ހެއްވާލައި އުފާކޮށްދެމުންނެވެ. ހުޅުމާލޭގެ ފަޒާ ކުލަތަކުން ފުރާލައި، ހުނުމާއި ސަކަރާތުގެ އަޑުން ގުގުމާލަމުންނެވެ. އަންނަ އަހަރުގެ ކަލަރ ރަންެއަށް މިހާރުވެސް ގިނަބަޔަކު ތިބީ ކެތްމަދުވެފައެވެ! 

Advertisement

ކޮމެންޓް