ޔާމީން ހުންނެވީ ހާއްސަ ބޭފުޅުން ތިއްބަވާ ޔުނިޓުގައި

04 Dec 2019 | 08:57

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިހާރު ހުންނެވީ މާފުށީ ޖަލުގައި ހުރި ހާއްސަ ބޭފުޅުން ބައިތިއްބުމަށް ހަދާފައިވާ ޔުނިޓު، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމެޝަން އޮފިސަރު މިއަދު ވިދާޅުވީ، ރައީސް ޔާމީނު ހުންނެވީ އެސްޕީޔޫ ޔުނިޓުގައި ކަމަށެވެ. އޭނާ ވިދާޅުވީ އޮންނަ އުސޫލުގެ ދަށުން ރައީސް ޔާމީނަށް ދޭންޖެހޭ އެހެނިހެން ހިދުމަތްތައް ވެސް ލިބޭނެ ކަމަށެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ޖަލަށް ލެވޭ ސިޔާސީ މީހުން ބަހައްޓަން އެޅި ޖަލު ޔުނިޓުތަކެކެވެ. އެޔުނިޓުގައި އެންމެ ފުރަތަމަ ހުކުމް ތަންފީޒުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އޭގެ ފަހުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްވެސް ހުންނެވީ އެސްޕީޔޫ ގައެވެ.

އެސްޕީޔޫ ޔުނިޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލެވޭ ހާއްސަ މީހުން ބައިތިއްބަން ހެދި ޔުނިޓުތަކެކެވެ.

Advertisement

ކޮމެންޓް